މާލެ: 31°C

އިސްރަށްވެހިންގެ ނާދީ ގާއިމް ކުރުމަށް 60 ކައުންސިލުން ޝައުގުވެރިވެއްޖެ

February 16, 2025
103 ފަހަރު ބަލާފައި
އިސްރަށްވެހިންގެ ނާދީ ގާއިމް ކުރުމަށް 60 ކައުންސިލުން ޝައުގުވެރިވެއްޖެ
އިސްރަށްވެހިންގެ ނާދީތައް ޤާއިމުކުރުމުގެ މަސައްކަތަށް 60 ކައުންސިލަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ދިވެލޮޕްމަންޓް މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އިސްރަށްވެހިންގެ ނާދީތައް ޤާއިމުކުރުމުގެ މަސައްކަތަށް 60 ކައުންސިލަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ދިވެލޮޕްމަންޓް މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އަހާ ފޯރަމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އިސް ރަށްވެހިން އިތުރުވަމުންދާ ކަމަށާއި، އިސްރަށްވެހިން އެކު އުޅޭނެ ތަންތަން ހެދުމަށް ކައުންސިލްތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި މަޝްވަރާ ކުރަމުން އެބަ ގެންދަން ވަކި ރަށްރަށުގައި އިސްރަށްވެހިން އެކު އުޅެލާނެ ތަންތަން ފާހަގަކުރުމަށް. އެގޮތުން ގާތްގަނޑަކަށް 60 ވަރަކަށް ކައުންސިލުން ޝައުޤުވެރިކަން ފާހަގަކޮށްފައި އެބައޮތް," މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މާލޭގައި ހުޅުވުނު އިސްރަށްވެހިންގެ ފުރަތަމަ ނާދީގައި އިސްރަށްވެހިން އުޅޭއިރު ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެމުންދާ ކަމަށެވެ. އަދި މީގެ ސަބަބުން އެފަރާތްތަކުގެ ސިއްޙަތާއި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތައް އަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އިސްރަށްވެހިންނާ ގުޅޭ ޚާއްޞަ ޕޮލިސީއަކާއި އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން އިސްރަށްވެހިންގެ ޝަކުވާތައް އަޑުއަހަމުންދާ ކަމަށާއި، ރައީސް މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް އިސްރަށްވެހިންނަށް ޚާއްޞަ ކްލިނިކްތަކާއި ޕްރޮގްރާމްތައް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިސްރަށްވެހިންނަށް ބޯހިޔާވަހިކަމުގެ ޕޮއިންޓު ލިބޭނެ އުސޫލެއް މިހާރު ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ. އަދި މުސްކުޅި މައިންބަފައިން ގޮވައިގެން އުޅޭ ފަރާތްތަކަށް އިތުރު ޕޮއިންޓު ލިބޭ ގޮތަށްވެސް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން އިސްރަށްވެހިންނަށް ދިމާވާ ހުރިހާ ގޮންޖެހުންތައް ބަލައި ހޯދައި، އެކަންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވަނީ އަންގަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ