މާލެ: 31°C
ރާއްޖޭގައި ތިބި އިޒްރޭލުގެ ރައްޔިތުން ވަގުތުން ރާއްޖެ ދޫކޮށް ދިއުމަށް އިޒްރޭލުން އަންގައިފި

ރާއްޖޭގައި ތިބި އިޒްރޭލުގެ ރައްޔިތުން ވަގުތުން ރާއްޖެ ދޫކޮށް ދިއުމަށް އިޒްރޭލުން އަންގައިފި

June 3, 2024
2 ފަހަރު ބަލާފައި
ރާއްޖޭގައި ތިބި އިޒްރޭލުގެ ރައްޔިތުން ވަގުތުން ރާއްޖެ ދޫކޮށް ދިއުމަށް އިޒްރޭލުން އަންގައިފި
މި ވަގުތު އިޒްރޭލު ރައްޔިތުން ރާއްޖޭގައި ތިބުމަކީ ނުރައްކާތެރިކަމަކަށްވާތީވެ ރާއްޖެއިން ފޭބުމަށާއި، އިތުރު ބަޔަކު ރާއްޖެ ދަތުރުނުކުރުމަށް އިޒްރޭލު ސަރުކާރުން ޓްރެވެލް އެޑްވައިޒަރީއެއް ނެރެފި އެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އިއްޔެ ނިންމަވައިފަ އެވެ. ސަރުކާރުގެ އެ ނިންމުން އިއުލާންކުރީ އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާނެވެ. ސަރުކާރުން އަޅަން ނިންމި މުހިއްމު ފިޔަވަޅާއެކު ބައިނަލްއަގްވާމީ މީޑީއާތަކުގެ އެ ހަބަރު ފަތުރަން ވަނީ ފަށާފަ އެވެ. އެކަމާއި ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ވަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ރާއްޖެއިން ފޭބުމަށް އަންގާފައި އެވެ. އަދި ރާއްޖެ ދަތުރުނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ. "މިހާރުވެސް އެގައުމުގައި (ރާއްޖެ) ތިބި އިޒްރޭލު ރައްޔިތުން ފައިބަން އިލްތިމާސް ކުރަން، އެއްވެސް ސަބަބަކާ ހުރެ އެމީހުން ހާލުގައި ޖެހިއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދޭން އުނދަގޫވާނެ" އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އިޒްރޭލު ރައްޔިތުން ރާއްޖެއިން ފައިބަން އަންގާފައިވާއިރު އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކޮށް އުޅެނީ ވަރަށް މަދު އަދަދެއްގެ ފަތުރުވެރިންނެވެ. އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، އެކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް އިއްޔެ ވަނީ ނިންމާފައި އެވެ. މީގެ އިތުރުން ފަލަސްތީނާއ އިޒްރޭލުގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްތީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނެއެވެ. ހަމައެހެންމެ، ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމާފައި އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ