މާލެ: 31°C
އިޒްރޭލުގެ އަމަލުތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

އިޒްރޭލުގެ އަމަލުތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

March 6, 2024
2 ފަހަރު ބަލާފައި
އިޒްރޭލުގެ އަމަލުތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި
އިޒްރޭލުގެ ދެމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލެއްވީ ފަލަސްތީނުގެ މައްސަލައިގައި އޯއައިސީ އިން ބާއްވަމުންދާ ގެންދާ ހާއްސަ ޖަލްސާގައި ރާއްޖޭގެ އިސްލާމީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޝަހީމް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ "ޖެނޮސައިޑް" ނުވަތަ ނަސްލު ނައްތާލުމުގެ އަމަލުތަކާއި އިޒްރޭލު ސަރުކާރުން ރަފާއަށް ހަމަލާދޭނެ ކަމަށް ބުނަމުންދާ ބުނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިހާރުން މިހާރަށް ހަމަލާ ބަދަލުކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް (އެޕާތައިޑް) ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތި އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ޝަހީމް ގޮވާލެއްވިއެވެ. ޝަހީމް އިތުރަށް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ދެމިތިބޭނެ ކަމުގެ ޔަގީންކަންދީ، މި މައްސަލައަށް ދާއިމީ ހައްލެއް ލިބެން އޮތީ ފަލަސްތީނަކީ 1967 އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން، އުފެދިފައިވާ މުސްތަގިއްލު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެން ކަމަށް ވިދާޅުވެފައެވެ. އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، މިހާތަނަށް ހަމަލާތަކުގައި ޣައްޒާއިން ވަނީ 30،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ޣައްޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ