11 މިސްކިތަކާއި އިސްލާމީ މަރުކަޒަކާއި ގްރުއާނާބެހޭ 2 މަރުކަޒް އަޅަން އެމްޓީސީސީ އާއި ފެނަކައާއި ހަވާލުކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 11 ރަށެއްގައި މިސްކިތް ބިނާކުރުމަށާއި، 1 ރަށުގައި އިސްލާމީ މަރުކަޒެއް އެޅުމަށާއި އަދި 2 ރަށެއްގައި ގްރުއާނާބެހޭ މަރުކަޒުއަަޅަން ވަނީ ހަވާލުކޮށްފައެވެ.
އެގޮތުން 500 މީހުންގެ ޖާގައިގެން މިސްކިތް ތައް އެޅުމަށް ހަވާލުކުރި ރަށް ތަކަކީ ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، އެ އަތޮޅު ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫއާއި ހިރިލަންދޫ އަދި ސ. ފޭދޫ އެވެ. އަދި ށ.ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކޮށްފައިވާއިރު ގުރުއާނާބެހޭ މަރުކަޒް އެޅުމަށް ކަނޑައަޅާފައިވަނީ ލ. މާބައިދޫ އާއި ޅ. އޮޅުވެލިފުށީގައެވެ.
މި މަޝްރޫއުތަކުގެ ތެރެއިން 11 މިސްކިތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. އެ ކުންފުންނާ ޕްރޮޖެކްޓްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު ނަޖާހު އެވެ.
ބާކީ 3 މަޝްރޫޢު ހަވާލުކޮސްފައިވަނީ އެމްޓީސީސީ އާއިއެވެ. އެމްޓީސީއާއި ހަވާލުކުރި 3 ޕްރޮޖެކްޓްގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ސައުދީ އެވެ.
އެ ޕްރޮޖެކްޓް ތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ ހަރަދުގައި އަޅާ މި މިސްކިތްތައް ހަދަނީ ގުރުއާން ކިޔަވައިދޭ ކްލާހެއް ހިމަނައިގެން ކަމަށާއި މިސްކިތްތަކުގައި ސޯލާ އާއި އޭސީ ހަރުކޮށް، ވިނައިލް ފްލޯރިން އަޅާނެ ކަމަށާއި ދެ ރަށުގައި އަޅާ ގުރުއާނާ ބެހޭ މަރުކަޒުތަކުގައި 3 ކްލާސްރޫމާއި ލައިބްރަރީއެއްގެ އިތުރުން ހޯލެއް ހިމެނޭނެ ކަމަށެވެ.







