މާލެ: 31°C
އިރާނުގެ ރައީސާއި އިސްބޭފުޅުން އަވަހާރަވުމަކީ ލިބުނު ބޮޑު ހިތާމައެއް: ރައީސް

އިރާނުގެ ރައީސާއި އިސްބޭފުޅުން އަވަހާރަވުމަކީ ލިބުނު ބޮޑު ހިތާމައެއް: ރައީސް

May 20, 2024
3 ފަހަރު ބަލާފައި
އިރާނުގެ ރައީސާއި އިސްބޭފުޅުން އަވަހާރަވުމަކީ ލިބުނު ބޮޑު ހިތާމައެއް: ރައީސް
އިރާނުގެ ރައީސް، އިބްރާހިމް ރައިސީއާ އެގައުމުގެ އިސްބޭފުޅުން އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާމަފާޅު ކުރައްވައިފިއެވެ. ރައީސް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހެލިކޮޕްޓަރު ވެއްޓުނު ހިތާމަވެރި ހާދިސާގައި އީރާނުގެ ރައީސް ޑރ. ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އެ ހިތާމަވެރި ހާދިސާގައި އަވަހާރަވި ރައީސް ރައީސީ އާއި އެގައުމުގެ ފޮރިން މިނިސްޓަރ ހުސައިން އަމީރު އަބްދުﷲ ހައިންއާއި އެހެނިހެން ފަރާތްތަކުގެ ފުރާނައަށް ބަރަކާތް ލައްވައި ޖަންނަތުލް ފިރުދައުސް ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުއާ ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ރައީސްގެ ތައުޒިޔާ މެސެޖުގައި ވަނީ ހިތާމައިގެ މި ދަނޑިވަޅުގައި، ހާދިސާގައި އަވަހާރަވި ބޭފުޅުންގެ އާއިލާތަކާއި އެ ގައުމުގެ ރައްޔިތުންނާއެކު ރާއްޖެއިން ތިބިކަން ފާހަގަކުރައްވާފައެވެ. https://twitter.com/MMuizzu/status/1792426672912023999 ރައީސީ އަވަހާރަވީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައެވެ. އެ ގައުމުގެ މީޑިއާތަކުން ބުނި ގޮތުގައި އެ ހެލިކޮޕްޓަރު ދަތުރު ކުރީ ވަރަށް ބޮޑަށް މޫސުން ގޯސް، ބޯ ދުންފުނީގެ އަސަރު ވެސް ކުރަމުން ދިޔަ ފަރުބަދަތަކެއްގެ ކައިރިންނެވެ. އަދި ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން 15 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވިއެވެ. ހެލިކޮޕްޓަރު ހޯދަން 40 އަށް ވުރެ ގިނަ ރެސްކިއު ޓީމު ހަރަކާތްތެރިވަމުންދަނިކޮށް، ހޯދުނުއިރު ހެލިކޮޕްޓަރުގެ ބޮޑު ބައި ވަނީ އަނދައި އަޅިއަށް ވެފައެވެ. މި ހާދިސާގައި އިރާންގެ ރައީސް، ރައީސީގެ އިތުރުން ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅުންނާއި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓާއި ކްރޫން ވެސް ސަލާމަތްވެފައިނުވާ ކަމަށް އެ ގައުމުން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް އޮފީހުން ވަނީ މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށް ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ