މާލެ: 31°C
އިންވެސްޓަރުންގެ ކޮންފިޑެންސް ނުގެނެސް ރާއްޖޭގެ އާމްދަނީ އިތުރެއް ނުކުރެވޭނެ: ރައީސުލް ޖުމްހޫރިއްޔާ

އިންވެސްޓަރުންގެ ކޮންފިޑެންސް ނުގެނެސް ރާއްޖޭގެ އާމްދަނީ އިތުރެއް ނުކުރެވޭނެ: ރައީސުލް ޖުމްހޫރިއްޔާ

March 5, 2024
3 ފަހަރު ބަލާފައި
އިންވެސްޓަރުންގެ ކޮންފިޑެންސް ނުގެނެސް ރާއްޖޭގެ އާމްދަނީ އިތުރެއް ނުކުރެވޭނެ: ރައީސުލް ޖުމްހޫރިއްޔާ
މި ސަރުކާރުން މި މަސައްކަތް ކުރަނީ، އިޤްތިޞާދުގައި ބުންވަރު ޖައްސައިދީ، ރާއްޖެއަށް އިތުރު އިންވެސްޓަރުން ގެނައުމަށާ، އިންވެސްޓަރުންނަށް އިތުބާރު ހޯދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކެންދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 'އިންވެސްޓަރ ކޮންފިޑެންސް' ނުގެނެސް ރާއްޖެއަށް އާމްދަނީ އިތުރެއް ނުވާނެކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރާ ހުރިހާ މަސައްކަތްތަކެއްގެ ނަތީޖާ ނެރެދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ އިޤްތިޞާދު އޮތް ދަށް ހާލަތުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ، ފައިސާ ޗާޕުނުކޮށް އިތުރަށް ރުފިޔާގެ އަގު ވައްޓައިނުލާ، އިޤްތިޞާދު ވަރުގަދަކުރުމަށް ކަމުގައެވެ. އެގޮތުން "ފައިސާ ޗާޕުކުރުމަކީ، މި ރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރަން އޮތް އޮޕްޝަނެއް ނޫން (ޙައްލެއް ނޫން)" ކަމަށާ، އިޚްލާސްތެރިކަމާއެކީ ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރުމަށް ބޭނުންވާނަމަ ފައިސާ ޗާޕު ނުކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި މި ސަރުކާރުން ކުންފުނިތައް ވަރުގަދަކުރުމަށާއި ކުންފުނިތަކުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ޤައުމަށް ފައިސާ ވަންނާނެ ދާއިރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާކަމުގައިވެސް ވިދާޅުވިއެވެ. ކެންދޫއަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި އަށްވަނަ މަންޒިލެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ