މާލެ: 31°C

އިންތިހާބު ކަވަކުރަން މީޑިއާތަކަށް އުނދަގޫވާނެ ބަދަލެއް!

އިންތިހާބު ކަވަކުރަން މީޑިއާތަކަށް އުނދަގޫވާނެ ބަދަލެއް!
March 13, 2023
2 ފަހަރު ބަލާފައި
އިންތިހާބު ކަވަކުރަން މީޑިއާތަކަށް އުނދަގޫވާނެ ބަދަލެއް!
މުޅި ރާއްޖޭގައި ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ބާއްވާ އިންތިހާބުތައް ކަވަކުރަން މީޑިއާތަކަަށް އުނދަގޫ ގޮތަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި ބިލު ގާނޫނަކަށް ބަދަލު ވެއްޖެ ނަަމަ އިންތިހާބުތަކަށް މީޑިއާތަކުން އިންތިހާބުތައް ކަވަކުރަން އާއްމުކޮށް ނަގާ، މޮނިޓަރުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފާހެއް ދުލެއް ނުކުރެވޭނެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުންނާއި އެމްޑީޕީގެ ނަޝީދު ފެކްޝަނުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެއްކަމަކީ އެ ބަދަލެވެ. މުއިއްޒު ހުށަހެޅުއްވި ބިލުގައިވާ ގޮތުން އިންތިހާބުތަކުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ނޫސްތަކުން ހުށަހެޅޭނީ "ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް" އެކަންޏެވެ. ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަކީ ކޮބައިކަން ތަފްސީލުކުރުމަށް ޓަކައި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ 41 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރަން އެ ބިލުގައި ހުށަހަޅާފައި އެބަ އޮތެވެ. " (ޅ) މި މާއްދާގެ (ހ)ގެ ބޭނުމަށް ޓަކައި ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިއެއް ކަމަށް ބުނެފައި އެވަނީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއްގައި ނުވަތަ ބްރޯޑްކާސްޓިން ގެ ހިދުމަތެއް ދޭ ތަނެއްގައި ޚަބަރު ހޯދައި ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށެވެ. އެ މާނައިގެ ތެރޭގައި އެފަދަ ތަނެއްގައި މަސައްކަތްކުރާ ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުން ވެސް ހިމެނެ އެވެ،" ސަރުކާުރުގެ ފަރާތުން މެމްބަރު މުއިއްޒު ހުށަހެޅުއްވި ބިލުގައި ވެ އެވެ. އެ މާއްދާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަަސަން ލަތީފު ވިދާޅުވީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް އެކަނި، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރި ވެވޭ ގޮތަށް އެކަން ހަނިކޮށްފި ނަމަ މުޅި ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި މީޑިއާތަކަށް މައުލޫމާތު ފޯރުކޮށް ނުދެވޭނެ ކަމަށެވެ. "އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ މުޅި ރާއްޖޭގައި ވޯޓުލުމުގެ މަސައްކަތް ހިނގަމުންދާ އިރު ، އެ އިންތިހާބުގެ ކަންކަން ހިނގަމުން ދާއިރު މީޑިއާއެއްގައި މަސައްކަތްކުރާ މީހުންނަށް އެކަނި ، މީޑިއާއެއްގައި މަސަައްކަތްކުރުމޭ ބުނީމާ އެ މާނަކުރުން އެބަ ދޭ އިއްޒަތްތެރި ރައީސް ، ވަޒީފާއާ ބެހޭ ގާނޫނުގައި އޭނާއަށް ވަޒީފާއެއް ދީފައި އޮތުމުގެ [މާނައަށް]. އެ މިންވަރަށް،" ހަސަން ލަތީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަކީ މާގިނަ މުވައްޒަފުން ލައިގެން ހިންގާ ތަންތަނަށް ނުވާ އިރު މުޅި ރާއްޖޭގައި ކުރިއަށް ގެންދާ އިންތިހާބެއް ކަވަކުރެވޭ ވަރަށް މުވައްޒަފުން ނުތިބޭ ކަމަށެވެ. އެގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅީ އިންތިހާބުތައް ރައްޔިތުންނަށް ނުފެންނަ ގޮތަށް ސިއްރުކުރަންތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް ބިލުގެ އެ މާއްދާއާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ