އިންތިހާބު އޮޅާލަން ރައީސް ޔާމީން ސުޕްރީމް ކޯޓުން ގައިޑްލައިނެއް ނެރުނުހެން، އިންތިހާބު އޮޅާލަން ރައީސް ޑރ މުއިއްޒު ވެސް މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ 2018 ގައި ރައީސް ޔާމީންގެ ވެރިކަމުގައި ކަންކުރި ގޮތަށް ސުޕްރީމް ކޯޓުން ގައިޑްލައިނެއް ނެރެ، އިންތިހާބު އޮޅާލަން ރައީސް މުއިއްޒު ވެސް މަސައްކަތް ކުރައްވާނެ ކަމަށާއި ސައްހަ އިންތިހާބެއް ބާއްވައިފިނަމަ ވޯޓު ނުދޭނެކަން ރައީސް މުއިއްޒަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އެ ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އުމުރުން 65 އަހަރުވީ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ސަރުކާރުން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އަދި އެމްޑީޕީގައި ތިބި ވެރިކަމަށް ކުރިމަތިލެވޭ އުމުރުގެ މީހުން ޖަލަށްލާން ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.
ނަމަވެސް ފައްޔާޒް ވިދާޅުވީ ކޮންމެ އުމުރެއްގެ ބަޔަކަށް ވެރިކަމަށް ކުރިމަތިލެވޭގޮތް ހެދިޔަސް އަދި އެމްޑީޕީގެ ލީޑަރޝިޕުން ކޮންމެ ބަޔަކު ޖަލަށް ލިޔަސް އެ ޕާޓީން އިންތިހާބު ކާމިޔާބު ކުރެވޭވަރުގެ މީހަކު ނެރޭނެ ކަމަށެވެ.
އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުންނެވީ ހުދުމުހުތާރު ވެރިކަމެއްކޮށް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންތިހާބެއް ވެސް ނުބޭއްވުމުގެ ވިސްނުންފުޅެއްގައި ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.







