މާލެ: 31°C
އިންތިހާބު ފަސްކުރުމުގެ ބިލް، ފާސްކުރުން ނޫންގޮތެއް ނެތް:އެމްޑީޕީ

އިންތިހާބު ފަސްކުރުމުގެ ބިލް، ފާސްކުރުން ނޫންގޮތެއް ނެތް:އެމްޑީޕީ

February 28, 2024
3 ފަހަރު ބަލާފައި
އިންތިހާބު ފަސްކުރުމުގެ ބިލް، ފާސްކުރުން ނޫންގޮތެއް ނެތް:އެމްޑީޕީ
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ފާސްކުރުން ނޫން ގޮތެއް ސަރުކާރަށް ނެތްކަމަށް އެމްޑީޕީން ބުނެފިއެވެ. އިންތިހާބުތަކާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލުމުން، އެ ބިލު އޮތްގޮތަށް އަނެއްކާވެސް މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ބިލު އޮތްގޮތަށް ފާސްކޮށްފައިވަނީ، 47 މެންބަރުންގެ ވޯޓުންނެވެ. މިކަމާއި ގުޅޭގޮތުން އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ގްރޫޕްގެ ލީޑަރު، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މިއަދު ފާސްކުރި ބިލް ރައީސް ތަސްދީގު ކުރުން ނޫންގޮތެއް ނެތްކަމަށެވެ. މިގޮތުން ބިލް ފާސްނުކުރަން ދެއްކޭނެ ހުތްޖަތެއް މިހާރު ނޯންނާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، މިއަދު މަޖިލީހުގެ ތެރޭގައި އަޑުއިވިގެން އެދިޔައީ ރައްޔިތުންގެ ރޫހާ ރައްޔިތުންގެ އަޑުކަމަށެވެ. ހިސާން ވިދާޅުވީ މިގޮތަށް ބިލެއް ދެވަނަ ފަހަރަށް ފާސްކުރުމުން، އެ ބިލް ފާސްނުކޮށް އަނބުރާ ފޮނުވާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރީއްޔާއަށް ލިބިވަޑައިގެން ނުވާކަމަށެވެ. ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުން ފާސްކޮށްފައި ފޮނުވާ ބިލެއް ތަސްދީގު ކުރައްވަން ރައީސަށް އޮންނަނީ 15 ދުވަހެވެ. އެ ބިލަކަށް ބަދަލެއް ގެންނަން ފެންނަ ނަމަ ރައީސަށް އެ މުއްދަތު ތެރޭގައި އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވިދާނެއެވެ. އެ 15 ދުވަހުގެ ތެރޭގައި ބިލު އަނބުރާ ނުފޮނުވައިފި ނަމަ ތަސްދީގުވީ ކަމަށް ބަލައި ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ. ތަސްދީގު ނުކުރައްވަން ނިންމަވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް އޮވެއެވެ. އެގޮތަށް ދެވަނަ ފަހަރަށް ބިލު ފާސްކޮށްފި ނަމަ ރައީސް އެ ބިލު ތަސްދީގުކުރައްވަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ