ރާއްޖެއާ މެދު ބައިނަލްއަގުވާމީ ދުނިޔޭން އުންމީދު ކަނޑާލީތޯ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ 'ދަ ޑިމޮކްރެޓްސް' ގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) މިރޭ ސުވާލު އުފައްދަވައިފި އެވެ.
އިމްތިޔާޒު މި ސުވާލު އުފެއްދެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދައުލަތުގެ އަނެއް ދެ ބާރު ކަމަށްވާ، ސަރުކާރު އަދި ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހާ ދެމެދު ނުތަވަނަސް ކަމެއް އުފެދިފައި ވަނިކޮށެވެ.
"ރާއްޖޭގެ ޖުޑިޝަރީއާ އެއްކޮޅަށް ވިޔަސް، ދެކޮޅަށް ވިޔަސް މިހާރު ބަހެއް ނުބުނެ، ކަންބޮޑުވުމެއް ފާޅުނުކޮށް އެ ވަނީ ރާއްޖެއާމެދު މުޅިން އުއްމީދު ކަނޑާލީބާ؟" އިިންތިގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
އިންތި އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ޔުނައިޓެޑް ނެޝަންސް ނުވަތަ އެކުވެރި ދައުލަތްތައް (އދ.) ގެ އެޖެންސީތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރަށް ރާއްޖެއާ ގުޅުން އޮންނަ ދޭދޭ ގައުމުތަކުންވެސް ރާއްޖޭގައި ހިނގަމުންދާ ކަންކަމަށް މިހާރު ބަސް ނުބުނާ ކަމަށެވެ.







