މާލެ: 31°C

ޑިމޮކްރެޓްސްގެ ރައީސް ކަމަށް އިންތި ކުރިމަތިލައްވަނީ

January 21, 2025
41 ފަހަރު ބަލާފައި
ޑިމޮކްރެޓްސްގެ ރައީސް ކަމަށް އިންތި ކުރިމަތިލައްވަނީ
ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް ޕާޓީގެ ތަރުޖަމާނަކަށް ހުންނެވި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރައްވަން ނިންމަވައިފި އެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް ޕާޓީގެ ތަރުޖަމާނަކަށް ހުންނެވި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރައްވަން ނިންމަވައިފި އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން އިސްވެ އުފެއްދި ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް މަގާމުން އިސްތިއުފާ ދެއްވައި އަލުން އެމްޑީޕީ އާ ގުޅިވަޑައިގަތުމުންނެވެ.

ހަސަންގެ އިތުރުން ފިރެހެން ނައިބު ރައީސްގެ ގޮތުގައި ހުންނެވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވެސް ވަނީ އެމްޑީޕީ އާ އެނބުރި ގުޅިވަޑައިގެންފަ އެވެ.

ހުސްވެފައިވާ ޕާޓީގެ ރައީސް ކަމާއި ފިރެހެން ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޑިމޮކްރެޓްސްއިން ހުޅުވާލީ އިއްޔެ އެވެ.

ޕާޓީގެ ގައުމީ މަޖިލިހުން ނިންމި ގޮތަށް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލީ ތިން ދުވަހުގެ މުއްދަތަކަށް، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

ވޯޓުލެވޭ މެމްބަރުންގެ ވަގުތީ ލިސްޓު އެ ދުވަހު އާންމުކޮށް، ހޮނިހިރު ދުވަހުގެ ނިޔަލަށް ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ދާއިމީ ލިސްޓު އާދީއްތަ ދުވަހު އާންމުކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

"އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިންތި ވިދާޅުވީ ޑިމޮކްރެޓްސްގެ މިވަގުތު ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ އާއެކު ޕާޓީގެ ސްޕޯކްސްޕާސަންކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ޕާޓީގެ ވަގުތީ ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ޒުވާނުންގެ ނައިބު ރައީސް އަދި މަޖިލިހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ފިރުޝާނެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ