އިންސްޓެންޓް ޕޭމެންޓް ނިޒާމުގައި ތިން ބޭންކެއް ބައިވެރިވެއްޖެ

އިންސްޓެންޓް ޕޭމެންޓް ނިޒާމުގައި ތިން ބޭންކެއް ބައިވެރިވެއްޖެ
ލިޔުން:
ގައުމީ އިންސްޓެންޓް ޕޭމެންޓް ނިޒާމުގައި ބައިވެރިވާ ތިން ބޭންކަކާއި އެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްއޭއާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ.
މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއާއި އެ އޮތޯރިޓީގެ އިސްވެރިންގެ އިތުރުން ބޭންކްތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
އިންސްޓެންޓް ޕޭމެންޓް ނިޒާމުގައި ބައިވެރިވި ބޭންކުތަކާއި އެކު އެމްއެމްއޭގެ ފަރާތުން ސޮއި ކުރެއްވީ އެ އޮތޯރިޓީގެ އެސިސްޓަންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ އެވެ. ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ސީއީއޯ އައިޝަތު އަލީ ނޫރައްދީން އެވެ. އެމްއައިބީގެ ފަރާތުން އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ އެއްބަސްވުމުގައި ސޮއި ކުރެއްވި އިރު އެސްބީއައިގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ކަންޓްރީ މެނޭޖަރ އަދި ސީއީއޯ ޑޮރަބާބޫ ޑޮޕާޓީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އިންސްޓެންޓް ޕޭމެންޓް ނިޒާމުގެ މަސައްކަތްތައް މިހިސާބަށް ކުރިއަށް ގެންދެވުނީ ބޭންކުތަކާއި އެމްއެމްއޭގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގެ އުންމީދުތަކާއި ގުޅިފައިވާ ކަމެއްގެ ގޮތުގައި ގަވަރުނަރު ވަނީ ސިފަ ކުރައްވާފަ އެވެ.
ހާޝިމް ވިދާޅުވީ މިއަދު އެމްއެމްއޭ އާއި އެކު އެއްބަސްވުމުގައި ސޮއި ކުރި ތިން ބޭންކަކީ ފުރިހަމަ ކުރަން ޖެހޭ ޓެސްޓުތައް ފުރިހަމަކޮށްފައިވާ ތިން ބޭންކުކަމަށެވެ. އަދި ވަރަށް އަވަހަށް މި ނިޒާމުގެ ޕައިލެޓް ޓެސްޓިން ފަށާނެ ކަމަށާއި އޮގްސްޓް މަހުގެ ފަހު ހަފްތާގެ ތެރޭގައި މުޅި ނިޒާމު އެއްކޮށް ލޯންޗް ކުރުމަކީ އެމްއެމްއޭގެ އަމާޒުކަމަށްވެސް ހާޝިމް ވިދާޅުވި އެވެ.
ގައުމީ އިންސްޓެންޓް ޕޭމެންޓް ނިޒާމަކީ ރާއްޖޭގައި ކުރާ ކޮންމެ މުއާމަލާތަކުގައި ވަގުތުން ފައިސާ ޖަމާވެ ބޭނުން ކުރެވޭ ގޮތަށް ގާއިމު ކުރާ ނިޒާމެކެވެ. މި ނިޒާމާއި އެކު ބޭންކުތަކުން ލިބޭ ހިދުމަތްތައް އެއް ނިޒާމެއްގެ ތެރެއިން ގުޅާލެވިގެން ދާނެ އެވެ. މީގެ އިތުރުން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެ ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް މި ނިޒާމުގެ ތެރެއިން ގާއިމުކުރެވޭނެކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އެމްއެމްއޭއިން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ އިންސްޓެންޓް ޕޭމެންޓް ނިޒާމުގެ ޕައިލެޓް ފޭސްގައި ތިން ބޭންކުން ބައިވެރިވި ނަމަވެސް ރަސްމީކޮށް މި ނިޒާމް ބޭނުން ކުރަން ފަށާއިރު އިތުރު ބޭންކުތައް ބައިވެރިވާނެ ކަމަށް އުންމީދު ކުރާކަމަށް އެމްއެމްއޭއިން ބުނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
