މާލެ: 31°C
އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރީ 'މިސް ކޮމިއުނިކޭޝަން' އެއްގެ ސަބަބުން: މިނިސްޓަރު ޣައްސާން

އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރީ 'މިސް ކޮމިއުނިކޭޝަން' އެއްގެ ސަބަބުން: މިނިސްޓަރު ޣައްސާން

March 25, 2024
3 ފަހަރު ބަލާފައި
އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރީ 'މިސް ކޮމިއުނިކޭޝަން' އެއްގެ ސަބަބުން: މިނިސްޓަރު ޣައްސާން
އިންޑިއާ ސިފައިންތަކެއް ދިވެހިރާއްޖޭގެ ކަނޑުގައި ދިވެހި މަސް ދޯނިތަކަކަށް އެރީ 'މިސްކޮމިއުނިކޭޝަން' އެއްގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ. މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ގައްސާނު ވިދާޅުވީ، ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރީ މިސް ކޮމިއުނިކޭޝަންއަކުން ކަމަށް އެ ގައުމުން ރަސްމީކޮށް މައުލޫމާތު ދީފައިވާ ކަމަށާއި އެއީ ތެދު ވާހަކައެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. "އެ ދުވަހުގެ ބޯޑިން ހަރަކާތް ހިނގީ މިސްކޮމިއުނިކޭޝަންއަކާ ހެދި ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފައި އެބައޮތް،" މިނިސްޓަރު ގައްސާން ވިދާޅުވިއެވެ. އިންޑިއާ ސިފައިން ބޯޑުކުރި ތިން މަސް ދޯނި ވެސް ހަރަކާތްތެރިވެފައިވަނީ ރާއްޖޭގެ ސަރަހައްދުގައިކަން ރަސްމީފަރާތްތަކުން ލިބުނު މައުލޫމާތުން ޔަގީންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެ ދުވަހުގެ އޮޕަރޭޝަންގެ މައުލޫމާތު ދިވެހި އަސްކަރިއްޔާއަށް ނުދީ އެ އޮތީ މިސްކޮމިއުނިކޭޝަން އެއްގެ ސަބަބުންކަމަށެވެ. އަދި، އާންމުކޮށް އެފަދަ އޮޕަރޭޝަންތައް ހިންގާނަމަ އެއް ގައުމުން އަނެއް ގައުމާ އެކު މުއާސަލަތު ކުރެވޭނެ ހަރުދަނާ ނިޒާމެއް އޮންނަ ކަމަށެވެ. އިންޑިއާ ސިފައިން ދިވެހި މަސްދޯނި ތަކަށް އެރީ އެދޯނިތަކުގައި ސެޓެލައިޓް ފޯނުގެންގުޅޭތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"... ބޯޑިން ޓީމްތަކުން ދިން މައުލޫމާތުގައި އެރި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ ސެޓަލައިޓް ފޯން އެ ދޯނިތަކުގައި ބޭނުންކުރާތީ، އެ ހުރިތޯ ކަށަވަރުކުރުމަށްޓަކައި... ސެޓަލައިޓް ފޯން ބޭނުންކުރާތީ އެއީ އެ މީހުން ގަބޫލުކުރާ ގޮތުގައި ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ ބޯޑުކުރީ،"

"އެހެންނަމަވެސް އެއީ އިންޑިއާގެ ސަރަހައްދުގެ ތެރޭގައި ސެޓަލައިޓް ފޯނު ބޭނުންކުރުން... ދިވެހިރާއްޖޭގައި އެއީ ބޭނުންކުރެވޭ ފޯނެއް،" މިނިިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ޖެނުއަރީ 31 ގައި އިންޑިއާ ސިފައިން ވަނީ ދިވެހި ތިން މަސް ދޯންޏަކަށް އަރައިފައެވެ. އެއީ، އަސުރުމާ 3، މާހޯރަ 3، ނިރު 7 އެވެ. އޭގެ ފަހުން، ޖެހިގެން އައި ދުވަހު ވެސް އިންޑިއާ ސިފައިން މާހޯރަ ދޯންޏަށް ވަނީ އަރާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ