މާލެ: 31°C
އިންޑިއާ ސިފައިން އަނެއްކާވެސް ރާއްޖެ ސަރަހައްދުން މަސްދޯންޏަކަށް އަރައިފި.

އިންޑިއާ ސިފައިން އަނެއްކާވެސް ރާއްޖެ ސަރަހައްދުން މަސްދޯންޏަކަށް އަރައިފި.

February 3, 2024
3 ފަހަރު ބަލާފައި
އިންޑިއާ ސިފައިން އަނެއްކާވެސް ރާއްޖެ ސަރަހައްދުން މަސްދޯންޏަކަށް އަރައިފި.
އިންޑިއާ ސިފައިން އަނެއްކާވެސް ރާއްޖޭގެ މަސްދޯންޏެއް ހުއްުޓުވައި ހަތިޔާރުން ބިރުދައްކައިފިއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ ސިފައިން މިފަހަރު އަރާފައިވަނީ ހއ މުޅަދޫ ބޭރު ކަނދުފައްޗާ 3 މޭލު ކައިރިން ދަތުރުކުރަމުންދިޔަ މަސްދޯންޏަކަށެވެ. އެއީ މޯބައިލް ފޯނުވެސް ލިބޭ ސަރަހައްދެއްކަމަށް އޮންލައިން ނޫހެއް ކަމަށްވާ އިރުވަރު އޮންލައިނާ މައުލޫމާތު ހިއްސާ ކުރަމުން އެ ދޯނީގެ ކެޔޮޅު ބުނެފައި ވެއެވެ. ރޭ ދަންވަރު ގާތްގަނޑަކަށް 12:00 ހާއިރު، އިންޑިއާ ސިފައިން ހުއްޓުވުމަށްފަހު އަރާފައިވަނީ ހއ. އިހަވަންދޫ "މާހޯރަ-3″ ދޯންޏަށެވެ. މި ދޯންޏަކީ މިފަހުން ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަހައްދުން އިންޑިއާ ސިފައިން އަރައި ބާލާ ފާސްކުރި 3 ދޯނީގެ ތެރެއިން 1 ދޯނިކަން ފާހަގަކޮށްލެވެއެވެ. އެ ދޯނީގެ ކެޔޮޅު  އިބްރާހިމް ރަޝީދު ބުނީ  އިންޑިއާ ސިފައިން މާހޯރަ 3 ގެ އިތުރުން އެވަގުތު އެދޯންޏާ އެކު ދަތުރުކުރަމުންދިޔަ އެހެން ދޯންޏެއްވެސް ހުއްޓުވުމަށްފަހު ދޯންޏަށް އަރައި ބަލާފާސްކޮށްފައިވާކަމަށެވެ. ކެޔޮޅު ބުނީ އިންޑިއާ ސިފައިންގެ ކޯސްޓްގާޑު ދޯންޏާ ކައިރިވުމުން ފޯނުގެ ރޭންޖް ދިޔަކަމަށާއި، ދޯންޏަށް އަރައި އެމީހުން ހޯދަން ބޭނުންވި ބައެއް މައުލޫމާތުތައް ހިއްސާ ނުކުރާކަމަށެވެ. އެއީ މިފަހުން ދިވެހި ކޯސްގާޑުން އެގޮތަށް އިރުޝާދު ދީފައިވާތީކަމަށް ދޯނީގެ ކެޔޮޅު ފާހަގަކުރިއެވެ. މިމަހުގެ 1 ވަނަ ދުވަހު އިންޑިއާ ސިފައިން ރާއްޖޭގެ 3 ދޯންޏަކަށް އަރާފައިވާއިރު، ރާއްޖޭގެ ކަމާބެހޭ އިދާރާއިން ވަނީ އެކަން އެގޮތަށް ކުރި ސަބަބު ހާމަކޮށްދިނުމަށް އިންޑިއާ ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދިފައެވެ. ބޭރުގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގެ މަސްދޯނިތަކަށް އެރި މައްސަލައާ ގުޅޭގޮތުން ދިވެހި ގައުމީ ދިފާއީ ބާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޖެނުއަރީމަހުގެ 31 ވަނަ ދުވަހު، ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ،  އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގެ ތިން ދޯންޏަކަށް އަރާފައިވާކަން ފާހަގަކުރަމުން ގައުމީ ދިފާއީ ބާރުން ބުނީ، އެއީ އަސުރުމާ 3 ދޯނީގެ އިތުރުން މޮހޮރާ 3 އަދި ނިރު 7 ނަމަކަށް ކިޔާ ދޯންޏަށް ކަމަށެވެ. ގައުމީ ދިފާއީ ބާރުން އިއްޔެ ބުނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ މަސްދޯނިތަކަށް ދިވެހި ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އެނގުމަކާ ނުލައި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލް ދެއްވުމަށް ދިވެހި ހާރިޖިއްޔާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި އިއްޔެ ދަންނަވާފައި ވާކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ