މާލެ: 31°C
އިންޑިއާ ސަފީރު ރާއްޖެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން ވެސް އަންގައިފި

އިންޑިއާ ސަފީރު ރާއްޖެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން ވެސް އަންގައިފި

January 8, 2024
3 ފަހަރު ބަލާފައި
އިންޑިއާ ސަފީރު ރާއްޖެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން ވެސް އަންގައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ސަރުކާރުގެ އިސްއޮފިޝަލުންތަކެއް ކުޑައިމީސް ކޮށް އެކްސްގައި ޕޯސްޓްކުރި މައްސަލައިގައި ނިއު ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނިކޮށް، ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީއަށް ހާޒިރުވާން ދިވެހި ސަރުކާރުން ވެސް އަންގައިފި އެވެ. އެނގިފައިވާ ގޮތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރު 12 ޖަހާއިރަށެވެ. އިންޑިއާގެ ސަފީރު ހާޒިރު ކުރުމަށްފަހު އޭނާއާ ބައްދަލު ކުރައްވާނީ ފޮރިން މިނިސްޓްރީގެ އެމްބެސަޑާ އެޓް ލާޖް ޑރ. އަލީ ނަސީރު މުހައްމަދު ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު މައުލޫމާތުދީފައިވެއެވެ. ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި ވަގުތު ވަޑައިގެން އުޅުއްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި ރަސްމީ ދަތުރުފުޅެއްގައި ޗައިނާގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރިންދްރަ މޯދީ އިންޑިއާގެ ލަކްޝަދީބްގެ ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކާ އެކު އެއީ ރާއްޖެއާ ދެކޮޅަށް ކުރާ ކެމްޕެއިނެއް ކަމަށް ބަލައި ރާއްޖެ އާއި އިންޑިއާގެ އެކި ފެންވަރުގެ މީހުން ވެސް ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަކެއް ވަނީ ދީފައެވެ.

އެގޮތުން ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު މޯދީ އަށް ނިސްބަތްވާގޮތަށް މަލާމާތުގެ ބަސް ބޭނުންކޮށް އެ ޕޯސްޓްތަށް ޝެއާކުރިއެވެ. އެ ތިން އޮފިޝަލުން އެގޮތަށް މޯދީ އަސް އިޚްތިރާމް ކުޑަކުރުމުން، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ވެސް ދަނީ ރާއްޖޭގެ ޓޫރިޒަމާއި ދެކޮޅަށް ކެމްޕޭނެއް ކުރަމުންނެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ ޝިއުނާ އާއި މަލްޝާ އަދި ޒުވާނުންނާ ބެހޭ ވުޒާރާގެ އަބްދުﷲ މަހްޒޫމް މާޖިދު ވެސް ސަސްޕެންޑްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީއިން ބަޔާނެއް ވެސް ނެރުނެވެ.
"ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނެގެޓިވިޓީ ނޯންނާނެ ހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ