މާލެ: 31°C

އިންޑިއާ ކަނޑުގެ ހަމަޖެހުންދެމެހެއްޓުމަކީ ރައީސް ސޯލިހުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާކަންތައް: ނައިބު ރައީސް

އިންޑިއާ ކަނޑުގެ ހަމަޖެހުންދެމެހެއްޓުމަކީ ރައީސް ސޯލިހުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާކަންތައް: ނައިބު ރައީސް
May 12, 2023
2 ފަހަރު ބަލާފައި
އިންޑިއާ ކަނޑުގެ ހަމަޖެހުންދެމެހެއްޓުމަކީ ރައީސް ސޯލިހުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާކަންތައް: ނައިބު ރައީސް
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުންދެމެހެއްޓުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިކޮންފަރެންސް ކުރިޔަށް ދަނީ، މި މޭ މަހުގެ 12އިން 13އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. މިކޮންފަރެންސްގެ ޝިޢާރަކަށް މިއަހަރު ކަނޑައަޅާފައި ވަނީ، "ދެމެހެއްޓެނިވި ކުރިމަގަކަށް؛ ޞުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން" މިޝިޢާރެވެ. ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި މިފަހަރުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކާއެކު އިޞްލާޙީބަދަލުތައް އިޚްތިޔާރުކުރަންޖެހޭ ކަމަށެވެ. އަދި ހިރާސްތައް މެނޭޖުކުރުމުގައި، އުނގެނުމާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ފައިސަލް ވިދާޅުވީ، އިންޑިޔާ ކަނޑުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުން ވިސްނާ ކަމަށެވެ. މިގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް އޮތް ނުރައްކާތަކުގެ ގޮތުގައި، ޓެރަރިޒަމާ ، އިންސާނީ ވަގުފާރިއާ، ޤާނޫނާއި ޚިލާފަށް ކުރާ ހިޖުރައާ ، މަސްތުވާތަކެތީގެ ވިޔަފާރިއާ ، ރިޕޯޓް ނުކުރެވޭ މަސްވެރިކަމާ، ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ފާހަގަކުރައްވައި އެކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލު ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެކަމުގައި ވިދާޅުވިއެވެ. ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި، އިންޑިއާ ކަނޑުގެ ޞަރަހައްދަކީ، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ސަރަހައްދުކަމަށާއި، އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރި ހަބުކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމްކުރުމަށް، ތިމާވެށި ރައްކާތެރިކުރުމާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަކީ، ހުރިހާ ޤައުމެއްގެ ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ނައިބު ރައީސް ފައިސަލް ވަނީ، އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި، ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި، މައްސަލަތައް ހައްލުކޮށް، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާކުރުމަށް ގޮވާލައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ