މާލެ: 31°C
އިންޑިއާގެ ގިނަ ބުކިންތަކެއް ކެންސަލް ކުރި ވާހަކަ އިންޑިގޯއިން ދޮގުކޮށްފި

އިންޑިއާގެ ގިނަ ބުކިންތަކެއް ކެންސަލް ކުރި ވާހަކަ އިންޑިގޯއިން ދޮގުކޮށްފި

January 9, 2024
3 ފަހަރު ބަލާފައި
އިންޑިއާގެ ގިނަ ބުކިންތަކެއް ކެންސަލް ކުރި ވާހަކަ އިންޑިގޯއިން ދޮގުކޮށްފި
އެއްފަހަރާ ގިނަ އަދަދެއްގެ ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އިންޑިޔާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން ދޮގުކޮށްފިއެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު މައްސަލަ ހޫނުވެފައިވަނީ އިންޑިއާގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ފޯސްޓަކަށް، މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހިމެނޭ ގޮތަށް ގިނަ ބަޔަކު މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށުމުންނެވެ. އަދި މި މައްސަލާގައި އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އަންނަނީ ކެމްޕެއިނެއް ވެސް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ފަތުރުވެރިންގެ ބުކިންތައް ކެންސަލްކުރާ ކަމަށް ވާހަކަތައް ފެތުރެމުންދާއިރު، އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާއެއް ކަމަށްވާ އެވިއޭޝަން އެންޑް ޓުއަރިޒަމް ކޮމެޓީން ވަނީ އިންޑިއާއިން ރާއްޖެއަށް އޮޕަރޭޓް ކުރާ ހުރިހާ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ހުއްޓާލުމަށާއި، ލަކްޝަދީޕްގެ ރައްތަކަށް ދަތުރުތައް ޑައިވާޓް ކުރުމަށް ގޮވާލާފައެވެ. ނަމަވެސް އިންޑިގޯގެ އޮފިޝަލަކާއި ހަވާލާދީ ވިއޯއިން ބުނެފައިވަނީ އެއްފަހަރާ އާދަޔާ ހިލާފަށް ގިނަ ބުކިންތައް ކެންސަލްކޮށްފައި ނުވާ ކަމަށެވެ. ވާހަކަތައް ދެކެވެމުންދިޔަ ގޮތުގައި 2500 ފްލައިޓު ބުކިން އާއި 5000 އަށް ވުރެ ގިނަ ހޮޓަލް ބުކިން ކެންސަލްވި ކަމަށް ބުނެއެވެ. އަދި ބައެއް މީހުން އަމިއްލައަށް ކެންސަލްކޮށްފައިވާ ކަމަށްވެސް ދައުވާ ކުރެއެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު މެދުނުކެނޑި ދަތުރު ކުރާ އިންޑިއާގެ އެންމެ ބޮޑު އެއް އެއާލަނަކީ އިންޑިގޯއެވެ. ޑިމާންޑް ބޮޑުވުމާ ގުޅިގެން އެ އެއާލައިނުން ވަނީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގެ ހައިދަރުއާބާދުން މާލެއަށް ވެސް ދަތުރުތައް ފަށައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ