މާލެ: 31°C

އިމިގްރޭޝަންގެ ރެއިޑެއް: 32 ބިދޭސީން ހައްޔަރު

March 7, 2025
163 ފަހަރު ބަލާފައި
އިމިގްރޭޝަންގެ ރެއިޑެއް: 32 ބިދޭސީން ހައްޔަރު
އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި ހާއްސަ ރެއިޑު އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، 32 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި ހާއްސަ ރެއިޑު އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، 32 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ވީޑިއޯ ކްލިޕެއްގައި ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިދިޔަ މަހު އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.

"ރިޕޯޓުގައި ވަނީ މއ. ހިތިލާގެ ދޭކުން އާންމު ގޮތެއްގައި ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމަށް،"

އެ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެ އިމާރާތަށް ގެންދާ ކަމަށެވެ. އަދި މެންދުރު ކާގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީކުރަން އެ ގެއިން މީހުން ނިކުންނަ މަންޒަރާއި ޑެލިވަރީކުރަން ގެންގުޅޭ ސައިކަލުތައް އިމާރާތް ކައިރީގައި ހުންނަ މަންޒަރު ފެންނަ ކަމަށް އެ ވީޑިއޯގައި ބުންޏެވެ.

"މިއީ ގިނަ އަދަދަކަށް އެއްފަހަރާ ކެއްކުމުގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ހުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ތަނެއްކަން ވެސް ރިޕޯޓުގައިވޭ،"

އެ އިމާރާތަކީ އާދައިގެ ގޮތަކަށް ޑެގްއަޅައިގެން ހަދާފައިވާ ހަތަރު ފަންގިފިލާގެ ބާ އިމާރާތެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން ވޮޗްއަށް ލިބުނު އެ ރިޕޯޓާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ އިމާރާތުގައި ދިރިއުޅެމުން ދިޔަ 76 ބިދޭސީއެއްގެ ލިޔެކިޔުން ޓާސްކްފޯހުން ވަނީ ބަލާފަ އެވެ.

"މީގެ ތެރެއިން ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނާއި ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭ މީހުން ހިމެނޭހެން 32 ބިދޭސީއެއް މިހާރު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި،"

މިފަދަ ރިޕޯޓުތައް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ހުށަހަޅައި، އެ އިދާާރާއިން ކުރަމުން އަންނަ މަސައްކަތުގައި އާންމުން ދެމުން އަންނަ އެއްބާރުލުން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް 6،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ