މާލެ: 31°C

ގޮނޑިގެއްލޭ މައްސަލާގައި ބަންޑާރަ ނައިބް އޮފީހުގެ ބަސް: އިޖުރާއަތާ އެއްގޮތަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލު ކޯޓަކަށް ނުބެލޭނެ

February 17, 2025
61 ފަހަރު ބަލާފައި
ގޮނޑިގެއްލޭ މައްސަލާގައި ބަންޑާރަ ނައިބް އޮފީހުގެ ބަސް: އިޖުރާއަތާ އެއްގޮތަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލު ކޯޓަކަށް ނުބެލޭނެ
ގާނޫނުއަސާސީގައިވާ ގޮތަށް ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް، ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ގެންނަ އިސްލާހުތަކުގެ މައްސަލަތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ގާނޫނުއަސާސީގައިވާ ގޮތަށް ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް، ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ގެންނަ އިސްލާހުތަކުގެ މައްސަލަތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވެ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ފެށި އެ މައްސަލައިގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ، އެއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަލީ ހުސެއިން މައްސަލަ ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީ އަށް ހަވަނަ އިސްލާހު ގެނައި ގާނޫނު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް، މިފަދަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ނުފެތޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގައި ދުސްތޫރީ މައްސަލައަކީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަކުރާން ޖެހިއްޖެ ނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއްވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަން ޖެހިއްޖެ ކޮންމެ މައްސަލައެކެވެ.

ފާތިމަތު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަ ބިލްތަކަކީ ގާނޫނެއް ގޮތަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެއީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫނެވެ. އެއީ ހާއްސަ އިޖުރާއަތެއްގެ ދަށުން ހާއްސަ އުސޫލަކުން ފާސްކުރާ އެއްޗެއް ކަމަށާއި އެ އަށް ގާނޫނެއްގެ ދަރަޖަ ދޭ ނަމަ އިޖުރާއީ ބޮޑެތި މައްސަލަތައް ވެސް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އެ މާނަ ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ