މާލެ: 31°C

"އިއްތިހާދު ހެދުމަކީ އެހެން ބޭފުޅަކު ކުރާކަމެއް ނޫން، ޕާޓީތަކާ އެބަ ވާހަކަދައްކަން"

January 15, 2023
2 ފަހަރު ބަލާފައި
"އިއްތިހާދު ހެދުމަކީ އެހެން ބޭފުޅަކު ކުރާކަމެއް ނޫން، ޕާޓީތަކާ އެބަ ވާހަކަދައްކަން"
"އިއްތިހާދު ހެދުމަކީ އެހެން ބޭފުޅަކު ކުރާކަމެއް ނޫން، ޕާޓީތަކާ އެބަ ވާހަކަދައްކަން"
އިންތިހާބުތަކުގައި އިއްތިހާދު ހެދުމަކީ "އެހެން ބޭފުޅަކު ކުރާކަމެއް ނޫން"ކަމަށާއި އެއީ އެމްޑީޕީން އަބަދުވެސް ކުރާކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ރައްދު ދެއްވައިފި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވަނީ ކޯލިޝަނަކާ އެކު މަސައްކަތްކޮށްގެން ނޫނީ އިންތިހާބު ކާމިޔާބުނުކުރެވޭނެ ކަމަށާއި އެގޮތަށް މަސައްކަތް ކުރެއްވޭނެ ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ. އެވާހަކަފުޅަށް ރައްދު ދެއްވަމުން ނަޝީދު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރިހާ ޕާޓީތަކަކުން ވެސް ވާދަކުރާނެ ކަމަށާއި ކޯލިޝަނެއް ހަދަން ޖެހޭނީ ދެވަނަ ބުރުގައި ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެހެން ސިޔާސީ ޕާޓީތަކާ ވެސް އެވާހަކަ  ދައްކަވަމުން ގެންދަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އިއްތިހާދު ހެދުމަކީ އެހެން ބޭފުޅަކު ކުރިކަމެއް ނޫން ކުރީގައި ވެސް. އެއީ އަޅުގަނޑުމެން އަރުވާލެވި، ގާސިމް ހުންނެވީ ޖަރުމަނުގައި، އަޅުގަނޑު ހުރީ އިނގިރޭސިވިލާތުގައި، އެހެން ބޭފުޅުން ކޮޅުނބުގައި. އަޅުގަނޑުމެން ވާހަކަދައްކައިގެން ހެދި އިއްތިހާދެއް އެއީ[މިހާރު ސަރުކާރު ހިންގާ ޕާޓީތަކުގެ އިއްތިހާދަކީ]،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އިއްތިހާދު ހެދުމަކީ އެމްޑީޕީން ކުރާކަމެއް ކަމަށާއި އެމްޑީޕީން އެކަން އަބަފުވެސް ކުރާނެ ކަމަށެވެ. "އެމްޑީޕީން މޮޅުވާނެ ގޮތް އަބަދުވެސް ހޯދާނެ،" ނަޝީދު ވިދާޅުވި އެވެ. މ.ދިއްގަރުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، ވެރިކަން ކުރާ ކޯލިޝަނުގެ އެހެން ޕާޓީތަކުގެ ދައުރު ސަރުކާރުގައި އޮތީ މާބޮޑުކޮށް ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ހަމަ އެޖަލްސާގައި ވެސް ފާޅުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީމް މަގުތަކުގައި މުޒާހަރާ ކުރި އިރު އެކަމުގައި މަސައްކަތް ކުރި މީހަކަށް ސަރުކާރުގެ އިސް މަގާމެއް ލިބިފައި ނެތް ކަމަށެވެ. "މިތަނުގައި އަޅުގަނޑުމެނަށް އެބަ ފެނޭ އަޅުގަނޑުމެނަށް މި މަގާމަށް އާދެވިފައި ތިބި ސަބަބު. އެހެން ނަަމަވެސް ރައީސް އޮފީހަކުން އަޅުގަނޑަކަށް ނުފެނޭ. އަދި މުޒާހަރާތަކަށް ނުކުންނެވި ހުރިހާ ބޭފުޅުން ތި ތިއްބެވީ،" ޖަލްސާގެ ބައިވެރިންނަށް އިޝާރާތްކުރައްވަމުން ނަޝީދު ވިދާޅުވި އެވެ. މުޒާހަރާތަކަށް ނުކުތް މީހުންނަށް މުޒާހަރާއެއްގެ ތެރެއިން ފެނުނު އެއްވެސް ބޭފުޅަކު ރައީސް އޮފީހުގެ ކޮޓަރިއެއްގައި ނީންނަވާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ވިދާޅުވި އިރު އެމަނިކުފާނުގެ ކެމްޕޭނުގައި ވެސް އިސްކޮށް އުޅުއްވާ އަދި އެމްޑީޕީން ކުރި ގިނަ މުޒާހަރާތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވި، އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަކީ ރައީސް އޮފީހުގެ މިނިސްޓަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ