މާލެ: 31°C

އިއްތިހާދު ހަދަން ޖެހޭނީ ދެވަނަ ބުރުގައި، އެމްޑީޕީއަށް އެކަން އުނދަގުލެއް ނުވާނެ: ނަޝީދު

January 10, 2023
2 ފަހަރު ބަލާފައި
އިއްތިހާދު ހަދަން ޖެހޭނީ ދެވަނަ ބުރުގައި، އެމްޑީޕީއަށް އެކަން އުނދަގުލެއް ނުވާނެ: ނަޝީދު
އިއްތިހާދު ހަދަން ޖެހޭނީ ދެވަނަ ބުރުގައި، އެމްޑީޕީއަށް އެކަން އުނދަގުލެއް ނުވާނެ: ނަޝީދު
ސިޔާސީ ޕާޓީތަކުގެ އިއްތިހާދެއް (ކޯލިޝަނެއް) ހަދަން ޖެހޭނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކަމަށާއި އެހާލަތުގައި އެކަން ކުރަން އެމްޑީޕީއަށް ދަތި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ރ. ހުޅުދުއްފާރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުތް އިރު އިއްތިހާދެއް ހެދީ ގިނަ ސިޔާސީ ލީޑަރުންނަށް ކުރިމަތި ލެވެން ނެތުމުން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެހާލަތެއް ނެތް ކަމަށާއި މި އިންތިހާބުގައި ޕާޓީތަކުން ކެންޑިޑޭޓުން ނެރޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. " ދެވަނަ ބުރަށް އަޅުގަނޑުމެން ދާއިރުގައި އިއްތިހާދެއް އުފައްދާން ޖެހިއްޖެ ނަމަ އަޅުގަނޑުމެން އެ އިއްތިހާދު އުފައްދާން ޖެހޭނެ. އަދި އަޅުގަނޑު ދެކޭ ގޮތުގައި ދެވަނަ ބުރަކަަށް އަޅުގަނޑުމެން ދާއިރުގައި އުފައްދާން އެދޭ އިއްތިހާދެއްގައި ގާސިމް އިބްރާހީމް ވެސް އަދި ޝޭހު އިމްރާނުވެސްް ، އަދާލަތު ޕާޓީ ވެސް ޖުމްހޫރީ ޕާޓީ ވެސް އަދި އެމްއާރްއެމް ވެސް އަދި އެހެން ޕާޓީތަކުގެ ވެސް ޝައުގުވެރިކަން ހުންނާނެ. އެއީކީއެއް އެމްޑީޕީއަށް އެއްވެސް އިރެއްގައި އުނދަގޫ ވާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވޭނީ އެހެން ޕާޓީތަކާ އެކުގައި މަސައްކަތް ކުރެވޭ ކެންޑިޑޭޓަކަށް ކަމަށާއި އެކަން އެގޮތަށް ކުރެއްވޭނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށް، ރައީސް ސޯލިހާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވަގުތެއްގަ އެވެެ. ރައީސް ސޯލިހު ދާދި ފަހުން ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުުކުރެވުނީ އެ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާނެ އެހެން ޕާޓީއެއް ނުވުމުންނެވެ. އެ އިންތިހާބުގެ ދެވަނަ  ބުރަށް ދިޔަ އިރު އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީއަށް މަދުވެފައި އޮތީ އެންމެ ހަހާހެއްހާ ވޯޓު ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށް މެދުވެރި އެއް ސަބަބަކީ އެ ސަރުކާރު އުފައްދަން 2008 ވަނަ އަހަރު ހެދި ކޯލިޝަނާ އެކު އެ ސަރުކާރުގެ ރައީސްގެ ގޮތުގައި ނަޝީދަށް މަސައްކަތް ނުކުރެއްވުން ކަމަށް އެމަނިކުފާނުގެ ވާދަވެރިން ތުހުމަތު ކުރައްވަ އެވެ. އެފަހަރުގެ ރިޔާސީ އިންތިހާބުގައި އެހެން ސިޔާސީ ޕާޓީތަކާ އެކު އެމްޑީޕީން ކޯލިޝަން ހެދީ ދެވަނަ ބުރަށް ދިއުމުންނެވެ. އެފަހަރުގެ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވުނީ އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ނަޝީދެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ