ކަމާ ގުޅުން ހުރި އިދާރާތަކުން ކަނޑައަޅާ ކޮންމެ ތަނެއްގައި ވެސް ޝަރީއަތްތައް ކުރިއަށް ގެންދަން ތައްޔާރު ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހާމަކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް ލަސްވާ ސަބަބުތަކާ ގުޅޭގޮތުން ބޭއްވި ފޯރަމެއްގަ އެވެ.
ގިނަ އިދާރާތަކެއްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ މި ފޯރަމްގައި، ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ލަސްވަމުންދާ މައްސަލައަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވުނެވެ. ފޯރަމްގެ ބައިވެރިން ފާހަގަކުރި ގޮތުގައި، ކޯޓުގެ ޖާގައިގެ ދަތިކަން ހުރިނަމަވެސް، އިތުރު ގޮތްތަކެއް ހޯދައިގެން ނަމަވެސް ޝަރީއަތްތައް ކުރިއަށް ގެންދަންޖެހެއެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، ”ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އެބަދޭ“ ކަމަށެވެ. އަދި ވޭތުވެދިޔަ 10 އަހަރު ތެރޭގައި މި މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދިފައި ނުވިނަމަވެސް، މިހާރު ހުޅުމާލޭގައި ކްރިމިނަލް ކޯޓަށް ޖާގަ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު ތިބި ގިނަ މީހުންނަކީ ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ޓެރަރިޒަމްގެ މައްސަލަތަކާއި، ބޮޑެތި މާރާމާރީއާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މީހުން މެރުން ފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުން ހިމެނެއެވެ.
ބަންޑާރަނައިބު އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށް ޤާނޫނު އިސްލާހު ކުރިނަމަވެސް، ޖުމުލަ ހައްލެއް ލިބޭނީ ޝަރީއަތްތައް އަވަސްވެގެންނެވެ. އަދި ހުޅުމާލޭގައި ކުރިއަށްދާ މަރާމާތުގެ މަސައްކަތްތައް ނިމުމުން ކޯޓުގެ ޖާގައިގެ ދަތިކަން ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.







