ނެޝަނަލް އައިޑެންޓްޓީ ކާޑު ދޫކުރާ ގަޑި އަވަސްކޮށް، ޓޯކެން ނަންބަރު ދޫކުރާ އަދަދު ވެސް އިތުރުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އައިޑީ ކާޑުގެ ހިދުމަތް ދިނުން އަވަސްކުރުމުގެ ގޮތުން މިއަދުން ފެށިގެން ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ އައިޑީ ކާޑު ދޫކުރުމަށް ދޭ ޓޯކެން ނަންބަރު ދެން ދޫކުރާނީ ހެނދުނު 8:00 އިން ފެށިގެން ކަމަށެވެ. އަދި ހެނދުނު 8:30 އިން ފެށިގެން އައިޑީ ކާޑު ދޫކުރަން ފަށާނެ އެވެ.
ކުރިން ޓޯކެން ނަންބަރު ދޫކުރަމުން އައީ ހެނދުނު 10:00 އިން ފެށިގެންނެވެ.
ކޮންމެ ދުވަހަކު ދޫކުރާ އައިޑީ ކާޑުގެ އަދަދު ވެސް އިތުރުކޮށްފައިވާ ކަމަށް އެ އިއުލާނުގައި ވެ އެވެ. ކުރިން ދުވާލަކު 400 އައިޑީ ކާޑު ދޫކުރަމުން އައި ނަމަވެސް މިއަދު ފެށިގެން ކޮންމެ ދުވަހަކު 600 ކާޑު ދޫކުރާނެ ކަމަށް އިއުލާނުގައި ވެއެވެ.
ޓޯކެން ނަންބަރު ދޫކުރަނީ ކިއުބީ އެޕު މެދުވެރިކޮށެވެ.
މިބަދަލާިއ ގުޅިގެން އައިޑީކާޑުގެ ހިދުމަތް އަވަސްވެގެން ދާނެކަމަށް ބެލެވެއެވެ. އައިޑީކާޑު ނުލިބި ގިނަ ދުވަސް ވާތީ އާންމުންގެ ޝަކުވާ ބޮޑުވެ ދަތިތަކާ ކުރިމަތި ވެއެވެ.







