މާލެ: 31°C

އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަގަނޅު: ރައީސް ސޯލިހު

އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަގަނޅު: ރައީސް ސޯލިހު
May 28, 2023
2 ފަހަރު ބަލާފައި
އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަގަނޅު: ރައީސް ސޯލިހު
އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ފީއަލީ ބަނދަރުސަރަހައްދުގައެވެ. މިރަސްމިއްޔާތުގައި މެޑަމް ފަޒްނާ އަހްމަދާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި، ފީއަލީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށުގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ. ރައީސް ސޯލިހު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނާއި އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށްފަހުގައި އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައިވާތީ ކަމަށެވެ. އަދި މިހާރު ފެނަކައާއި ހަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓްތަކަކުންވެސް މަސްވެރިންނަށް ޚިދުމަތް ލިބެމުންދާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފެނަކައިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ފެނަކައިން ފޯރުކޮށްދޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތާއި އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނަކައިގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ ފެނަކައިގެ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ފީއައްޔަކީ މަސްވެރިރަށެއްކަން ފާހަގަކުރައްވައި، މަސްވެރިކަމުގެ ދާއިރާއަށް މިސަރުކާރުން ގެނައި ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލިއެވެ. އަދި ލަސްތަކެއް ނުވެ މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ، ކުރިޔަށް އޮތް ތަނުގައިވެސް ފީއަލީގައ އިތުރު މަޝްރޫއުތައް ހިންގޭނެކަމަށާއި، ފީއަލީ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ޖަހަންޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ފަށާފައިވާކަމުގައިވެސް ވިދާޅުވެފައެވެ. އަދި ފީއަލީގެ މަޝްރޫއުތައްވެސް ހިންގޭނީ ފީއަލީގެ ރައްޔިތުން ބޭނުންވާ ގޮތް ސާފުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފީއަލީގެ އައު އިންޖީނުގެއާ އޮފީސް އިމާރާތަކީ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އިމާރާތްކުރެވިފައިވާ ތަނެކެވެ. އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އައު އިންޖީނުގޭގެ އޮފީސް އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސްކުރެވިފައިވެއެވެ. ފީއަލީގައި ސަރުކާރުން ބެހެއްޓި މިއައިސްޕްލާންޓަކީ، 25 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ސްޓޯރޭޖެއް އެކުލެވޭ އައިސްޕްލާންޓެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ