މާލެ: 31°C

އެމްއައިބީ ގައި ހުރި ބޭނުމެއް ނުކުރާ 5،000 އެއްހާ އެކައުންޓް އުވައިލަނީ

އެމްއައިބީ ގައި ހުރި ބޭނުމެއް ނުކުރާ 5،000 އެއްހާ އެކައުންޓް އުވައިލަނީ
March 31, 2023
2 ފަހަރު ބަލާފައި
އެމްއައިބީ ގައި ހުރި ބޭނުމެއް ނުކުރާ 5،000 އެއްހާ އެކައުންޓް އުވައިލަނީ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އެކި މީހުން ހުޅުވުމަށް ފަހު އެއްވެސް މުއާމަލާތެއް ނުކުރާތާ ފަސް އަހަރު ދުވަސް ވެފައިވާ 4،985 އެކައުންޓެއް އުވައިލުމަށް ޓަކައި އެ އެކައުންޓްތަކުގެ މައުލޫމާތު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފި އެވެ. އެމްއައިބީން ގެޒެޓްގައި އިއްޔެ ޖެހި އިއުލާނެއްގައި ބުނީ ދިވެހި ރާއްޖޭގެ ބޭންކިން ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުން، ވިދިވިދިގެން ފަސް އަހަރު ދުވަސް ވާއިރު އެކައުންޓެއްގެ ވެރިފަރާތުން، އެ އެކައުންޓެއް މެދުވެރިކޮށް އެއްވެސް މުއާމާލާތެއް ކޮށްފައި ނުވާ ނަމަ އެއީ ޑޯމެންޓް އެކައުންޓެއް ކަމަށް ކަނޑައެޅެ އެވެ. އެހެންވެ އެ ބޭންކްގައި ހުރި އެފަދަ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް އެ ބޭންކުން ސިޓީ ފޮނުވާފައި ވާނެ ކަމަށެވެ. ބޭންކިން ގާނޫނު ބުނާ ގޮތުން އެގޮތަށް ސިޓީ ފޮނުވާތާ 60 ދުވަސް ވާއިރު އެކައުންޓްގެ ވެރިފަރާތުން އެއްވެސް ޖަވާބެއް ނުލިބޭ ނަމަ ނޫސްތަކާއި ސަރުކާރުގެ ގެޒެޓްގައި އެ އެކައުންޓްތަކުގެ މައުލޫމާތު ޝާއިއުކުރަން ޖެހެ އެވެ. އެކައުންޓްތައް ބަންދުކޮށް މަރުކަޒީ ބޭންކް ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ފައިސާ ހަވާލުކުރަން ޖެހޭނީ އެކައުންޓްތަކުގެ މައުލޫމާތު ގެޒެޓްގައި ޝާއިއުކުރާތާ 60 ދުވަސް ވުމުން ކަމަށް ވެސް އެ ގާނޫނުގައި ވެ އެވެ. އެމްއައިބީގެ އިއުލާނުގައި އެދިފައި އޮތީ މައުލޫމާތު އާއްމުކުރި އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ތެރެއިން، އެކައުންޓް އަލުން އެކްޓިވޭޓް ކުރަން އެދޭ ފަރާތްތަކުން އެ ބޭންކުގެ "ކަސްޓަމާ މައުލޫމާތު ފޯމު" ފުރުމަށް ފަހު، އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖަހާފައިވާ އައިޑީކާޑް ކޮޕީއާ އެކު އެ ބޭންކަށް ހުށަހެޅުމަށެވެ. އެމްއައިބީގެ https://applynow.mib.com.mv/ މެދުވެރިކޮށް، އެ ފޯމް އޮންލައިންކޮށް ވެސް ހުށަހެޅޭނެ އެވެ. އެކައުންޓް އެގޮތަށް އެކްޓިވޭޓް ނުކޮށް، މުއްދަތު ހަމަވެގެން ބަންދުކުުރުމަށް ފަހުގައި ވެސް އެކައުންޓްގައި ހުރި ފައިސާ ނެގޭނެ ކަމަށާއި އެކަމަށް ޓަކައި ފުރަން ޖެހޭނީ ޑޯމެންޓް އެކައުންޓްގައިވާ ފައިސާ ނަގަން އެދި ހުށަހަޅާ ފޯމް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ