މާލެ: 31°C
އައިލެންޑް އޭވިއޭޝަނުގެ އެމްޑީކަން ކުރެއްވި ހާރިޝް، ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް

އައިލެންޑް އޭވިއޭޝަނުގެ އެމްޑީކަން ކުރެއްވި ހާރިޝް، ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް

January 22, 2024
3 ފަހަރު ބަލާފައި
އައިލެންޑް އޭވިއޭޝަނުގެ އެމްޑީކަން ކުރެއްވި ހާރިޝް، ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް
ކުރީގެ ރައީސް ވެރިކަމުގައި މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމް އަދާކުރެއްވި އަބްދުލް ހާރިޝް، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފިއެވެ. މިކަން ޓޫރިޒަމް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. ރައީސް ޔާމިނުގެ ވެރިކަމުގައި ސަރުކާރުގެ މުހިއްމު ދެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހާރިޝް ފުރުއްވާފައިވާއިރު، އޭނާ އެންމެފަހުން ހުންނެވީ، އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ އެމަގާމުން ވަކިކުރައްވާފައިވަނީ ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ. ހާރިޝްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށްވެސް ދެ ބޭފުޅަކު އައްޔަނުކުރައްވާފައެވެ. ޓޫރިޒަމްގެ ޑެޕިއުޓީންނަށް އައްޔަނުކުރެއްވީ މީނާސް ޝައުގީ އާއި އަހުމަދު ޝިފާޒެވެ. ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި މިހާރު 10 ބޭފުޅުން ތިއްބެވިއިރު، ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވީ 2 ބޭފުޅެކެވެ. ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު މިހާތަނަށް ފާހަގަކުރެވިގެންދަނީ ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ވެރީންގެ ތެރެއިން ވަޒީރު ފެންވަރުގެ ބޭފުޅުން އެންމެ ގިނަ ސަރުކާރުގެ ގޮތުގައެވެ. މިހާތަނަށް ވެރިކަންކުރެއްވި އެއްވެސް ރައީސަކު، ޓޫރިޒަމް މިނިސްޓްރީގައި ނައިބުންގެ ގޮތުގައި 10 ބޭފުޅުން އައްޔަނުކުރިކަމެއް ދިވެހި ތާރިހުން އެނގޭކަށެއް ނެތެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ