ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ހުރިހާ މަޝްރޫޢުއެއް އަންނަ ފެބުރުއަރީ މަހުން ފެށިގެން ބާރު ދުވެލީގައި ހިނގައި ގަންނަން ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ، ހއ. އުލިގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އުލިގަމުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ، މިއަހަރުގެ ބަޖެޓުގެ ތެރެއިން އުލިގަމުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ކަނޑައަޅައި ޕްލޭން ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެރަށަށް މިވަގުތު އެންމެ މުހިންމީ ސިއްޙީ ޚިދުމަތް ރަނގަޅު ކުރުން ކަމަށާއި، މިހާރު ހުރި ސިއްޙީ މަރުކަޒަކީ ޖާގަ އާއި ވަސީލަތްތަކުގެ ދަތިކަން އިންތިހާއަށް އޮތްތަނެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އުލިގަމުގެ އައު ސިއްޙީ މަރުކަޒު އެޅުމަށް އެމްޓީސީސީއާއެކު ވަރަށް އަވަހަށް ސޮއިކޮށް، ސައިޓް މޮބިލައިޒްކޮށް ރަމަޟާންމަހުގެ ފަހުން ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އުލިގަމު ބަނދަރުގެ ޖާގައިގެ ދަތިކަން އޮތުމުން، އެކަމަށްވެސް ހައްލު ގެނެސްދޭނެކަމަށް ވިދާޅުވެފަ އެވެ. އަދި އުލިގަމަށް އޮތް ކުނީގެ މައްސަލައަށްވެސް މިއަހަރު ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.







