މިފަހަރު ކުލަގަދަކޮށް ދިއްލުންތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ބޭނުމަކީ އަޟުޙާ ޢީދާއި ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާ ފަރާތްތަކަށް އިހްސާސްކޮށްދެއްވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިފަހަރުގެ ފިތުރު އީދު ކުލަ ގަދަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ވެރިކަންކުރާ ރަށްތައް ކުލަބޮކިން ދިއްލާލުމުގެ އެ ރަށްތައް ތައްޔާރުކޮށްފައެވެ. މި ދިއްލުންތައް އިފްތިތާހްކޮށްފައިވަނީ ޖުމްހޫރީ މައިދާނުގައި އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
"އީދު އަލި" އިފްތިތާހުކުރުމުގެ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވަނީ މިފަހަރުގެ ފިތުރު އީދު އެއްބައިވަންތަކަމާއެކު ޢީދުގެ އުފާވެރިކަން ވީއެންމެ ބޮޑަކަށް ފާހަގަކުރުމަށް ދިވެހި ކުދިބޮޑު އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
[caption id="attachment_100262" align="alignnone" width="800"]

އީދު އަލި އިފްތިތާހްކުރުމުގެ ތެރެއިން... ފޮޓޯ/ ރައީސް އޮފީސް[/caption]
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ޢީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާ ފަރާތްތަކަށް އިހްސާސްކޮށްދެއްވަން ކަމަށާއި، ރޭ ރާއްޖޭގެ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައި އިފުތިތާޙްކުރި ޢީދުގެ ދިއްލުންތަކަކީވެސް އެ ބޭނުމުގައި ފެށްޓެވި މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޢީދު އަލި" ރައީސުލްޖުމްހޫރިއްޔާ ރޭ އިފުތިތާޙް ކޮށްދެއްވުމާއެކު ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައިވެސް މި ލައިޓްތައް ދިއްލިގެން ދިޔައެވެ. ޢީދު ލައިޓްތަކާއެކު ހިމެނޭ ސްޕީކަރު ސިސްޓަމުތަކުން ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައި ޢީދުގެ ތަކްބީރުތައް އިއްވަމުންދާނެއެވެ.
[caption id="attachment_100263" align="alignnone" width="800"]

އީދު އަލި އިފްތިތާހްކުރުމުގެ ތެރެއިން... ފޮޓޯ/ ރައީސް އޮފީސް[/caption]
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް އަޟްޙާ ޢީދުގައި ޢީދުގެ ދިއްލުންތައް މިއަށްވުރެ ގިނަ ރަށްތަކަށް ގެންދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ. އަދި އަންނަ އަހަރު މާ ކުލަގަދަކޮށް މާ ގިނަ ރަށްރަށުގައި ޢީދު ފާހަގަކުރައްވާނޭ ކަމަށެވެ.
ރޭގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން "ޖުމްހޫރީ ފައްވާރާ" ވެސް ހުޅުވައިދެއްވާފައެވެ. މި ތަން އަލުން ހުޅުވައިދެއްވާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުކޮށް އަޅާނުލާ ދޫކޮށްލާފައި އޮތުމުގެ ސަބަބުން އެ ތަނުގައި ކުރަންޖެހުނު މަރާމާތުތައް ކުރުމަށް ފަހުއެވެ.