ހުުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެ ސަފާރީ ވަނީ އެއްކޮށް އަނދާފައެވެ.
އެމްއެންޑީއެފް އިން ބުނީ، ހުޅުމާލެ ފަޅުތެރޭގައި، ވެމްކޯ ޖެޓީ ސަރަހައްދުގައި ސަފާރީތައް އަޅާ ސަރަހައްދުގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ރޭ ލިބިފައިވަނީ ރޭ ފަތިހު 03:42 ހާއިރު ކަމަށާއި، މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިފައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާ ހިނގިއިރު އެ ސަފާރީގައި ތިބި 12 ފަޅުވެރިން ވަނީ ކައިރީގައި އޮތް ޑައިވިންގ ދޯންޏަކަށް އަރާފައި ކަމަށާއި، އެ ފަޅުވެރިންނަކީ ފަސް ބިދޭސީން (ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާ) އާއި ހަތް ދިވެހިން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި ސަފާރީގައި އަލިފާން ރޯވި އިރު އޭގައި ހުރީ ޑައިވިންގ ކުރުމަށް ބޭނުންކުރާ ސާމާނުކަން އެ ސަފާރީގެ ކެޕްޓަން އާ ހަވާލާދީ އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ނަމަވެސް ސަފާރީ ވަނީ އަލިފާން ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެެވެ.







