މާލެ: 31°C
ހުޅަނގު މޫސުމުގެ ވިއްސާރަ އަދި މި ފެށުނީ

ހުޅަނގު މޫސުމުގެ ވިއްސާރަ އަދި މި ފެށުނީ

May 10, 2024
3 ފަހަރު ބަލާފައި
ހުޅަނގު މޫސުމުގެ ވިއްސާރަ އަދި މި ފެށުނީ
ނިމިގެން މިދިޔައީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ކަމަށްވާ "ބުރުނު" ނަކަތެވެ. މިހާރު ފެށިގެން މިއުޅެނީ ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތް ކަމަށްވާ "ކެތި" ނަކަތެވެ. ކެތި ނަކަތް ދެމިގެންދަނީ މެއިމަހުގެ 6 ކުން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ނަކަތާ ގުޅޭގޮތުން މޫސުމާ ބެހޭ އިހުގެ ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެފައިވަނީ، "ކެތި" މި ނަކަތަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިގެން އަންނަ ނަކަތެވެ. މި ނަކަތުގައި އާއްމުގޮތެއްގައި އުޑުމަތި އޮންނާނީ ބަނަކޮށެވެ. ދޭތެރެ ދޭތެރެއިން ވާރޭ ވެހޭއިރު، މި ނަކަތުގައި 7 ކޮޅިގަނޑު ލައިގަންނާނޭކަމަށް އިހުގެ މީހުންގެ ފަރާތުން ވާހަކަ އައިސްފައި އޮވެއެވެ. ކެތި ނަކަތުގައި ވައި ހުންނާނީ ޖުމްލަ ގޮތެއްގައި 20.37 ކިލޯމީޓަރުގެ ބާރު މިނުގައެވެ. ޖުމްލަ ގޮތެއްގައި  97.4 ގަޑިއިރު އަވިދީފައި އޮންނައިރު، މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ. [caption id="attachment_101922" align="alignnone" width="800"] ބ.އަތޮޅުގެ ރަށެއްކަމަށްވާ ތުޅާދޫ.. މިދުވަސްވަރަކީ ވިއްސާރަ ދުަވސްވަރެއް... ފޮޓޯ/ މިނިވަން[/caption] ރާއްޖޭގެ މޫސުން މިހާރު ހުރިގޮތަށް ބަލާއިރު، މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވާނޭކަމަށް ލަފާކޮށްފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްރަށަށް ވަނީ ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ. މާލެއަށް ރޭ ވެހުނު ވާރޭގައި ފެން ބޮޑުވުމުން އެމްއެންޑީއެފުން ވަނީ ފެންބޮޑުވި މަގުތަކުން ފެން ހިއްކުމަށް ނިކުމެފައެވެ. https://twitter.com/MNDF_Official/status/1788633210441646481 ކެތި ނަކަތް ނިމުމަށްފަހު ދެން އޮންނާނީ "ރޯނު" ނަކަތެވެ. މަޝްހޫރު އެންމެން ދަންނަ ޖޫން/ޖުލައިގެ ގަދަ ވިއްސާރަ ފެށެނީ މި ނަކަތުންނެވެ. މި ނަކަތުގައި ކަނޑުތައްވެސް ވަރަށް ގަދަވާނެއެވެ.  ރޯނު ނަކަތް ފެށިގެންދާނީ މެއިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. ހިނގަމުން މިދަނީ ސްކޫލުތަކުގެ ޗުއްޓީ ދުވަސްވަރެވެ. މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުމަގުން ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާއިބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ