ރަށްރަށާއި ޖިއޮގްރަފިކް ސަރަހައްދު ތަކުގެ ނަންތައް އަމިއްލަ އަމިއްލައަށް ބަދަލުނުކުރެވޭ ގޮތަށް ސަރުކާރުން އުސޫލެއް ހަދައި ގެޒެޓްކޮށްފި އެވެ.
ރާއްޖޭގައި މިހައިތަނަށް އަމަލުކުރަމުން އައި ގޮތަކީ ފަޅުރަށްރަށުގައި ރިސޯޓްހަދާ ކުންފުނިތަކުން އެ ރަށްރަށުގެ ނަންތައް ކުންފުނިން ބޭނުންވާ ގޮތަކަށް ބަދަލުކުރުމެެވެ. ޅ. އަތޮޅު ހުރުވަޅީގެ ނަން " ހުރަވަޅިއަށް" އަދި ނ. މެދަފުށީގެ ނަން "އިރުފުށްޓަށް" ބަދަލުކުރުމަކީ މީގެ މިސާލުތަކެވެ. މާލެ އަތޮޅު ވިހަމަނާފުށީގެ ނަން ވެސް އެ ރަށުގައި ރިސޯޓް ހެދި އިރު އުވާލައި އެރަށަށް މިހާރު ކިޔަނީ "ކުރުނބާ" އެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިއްޔެ ގެޒެޓް ކުރި އުސޫލުގައިވާ ގޮތުން ސަރުކާރުގެ އިދާރާއެއް ފިޔަވައި އެހެން ފަރާތަކުން ރަށަކަށް ނަން ކިޔަން ހުށަހެޅޭނީ އެރަށަކީ އެފަރާތަކުން އަމިއްލައަށް ހިއްކާފައިވާ ރަށަކަށް ވާ ހާލަތުގައި އެކަންޏެވެ. އަަދި އަމިއްލަ އަށް ހިއްކާ ރަށަކަށް ނަން ދޭ ނަމަ ވެސް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއަށް ހުށަހަޅައި އެ ނަމެއް ފާސްކުރަން ޖެހޭނެ އެވެ. އެގޮތަށް ހުށަހަޅާ ނަންތައް ފާސްކުރާ އިރު ބަލާނެ މިންގަނޑުތަކެއް ވެސް އާ އުސޫލުގައި އެބަ އޮތެވެ. އާއްމު އިޖުތިމާއީ އަދި އަޚުލާގީ މިންގަނޑުތަކަށް ނުފެތޭ ނަމެއް ނުކިއުމަކީ އެ އުސޫލުގައިވާ އެއް ޝަރުތެވެ.
ނަން ދިނުމުގައި ބަލަން ޖެހޭ މިންގަނޑުތައް
- ދިވެހި ބަހުން ކިޔާ ނަމެއް ކަމަށް ވުން
- އާއްމު އިޖުތިމާއީ މިންގަނޑުތަކަށާއި އަހުލާގީ މިންގަނޑުތަކަށް ފެތޭ ނަމެއް ކަމަށް ވުން
- ކިޔަން ފަސޭހަ، ރީތި ސާދާ ނަމަކަށް ވުން
- އެހެން ތަނަކަށް ކިޔާފައިވާ ނަމަކަށް ނުވުން
- މީހަކަށް ނުވަތަ އެހެން ތަނަކަށް ކިޔާ ނަަމަކަށް ނުވުން
ރަށަކަށް ނުވަތަ ފަޅަކަށް ނަން ކިޔާ ނަމަ އެކަމުގައި ރިއާޔަތްކުރަން ލާޒިމުކުރާ ކަންތައްތަކެއް ވެސް ނަން ކިއުމުގައި އުސޫލުގައި ކަނޑައަޅާފައި ވެ އެވެ. އެގޮތުން ބަލަން ޖެހޭ އެއް ކަމަކީ އެ ތަނެއްގެ ގުދުރަތީ އުމުރެވެ. އެ ތަނެއް ނުވަތަ އެ ސަރަހައްދެއްގެ ތާރީހަކީ ވެސް ބަލަން ޖެހޭނެ ކަމެކެވެ. އެ ފަޅެއް ނުވަތަ ރަށެއް އޮތް ސަރަހައްދާއި އުފެދުމުގައި ހުރި ސިފަތަކަށް ވެސް އަލަށް ނަމެއް ދޭ ނަމަ ބަލަން ޖެހޭނެ އެވެ. އެތަނެއްގެ ގުދުރަތީ ސިފަތަކާއި ކުޑަބޮޑުމިނަށް ވެސް ނަން ދިނުމުގައި ބަލަން ޖެހޭނެ އެވެ.
އާ އުސޫލުގެ ދަށުން ރަށަކަށް ނުވަތަ ފަޅަކަށް ނަމެއް ދޭން ނުވަތަ ނަން ބަދަލުކުރަން ހުށަހެޅުމުން އެ ހުށަހެޅުމާއި މެދު ގޮތް ނިންމާނީ "ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީ"ގެ ނަމުގައި އެކުަލަވައިލާ ކޮމިޓީ އަކުންނެވެ.
ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީގެ އެކުލެވުން
- ރައީސް އޮފީހުން ކަނޑައަޅާ ފަރާތެއް
- މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކަނޑައަޅާ ފަރާތެއް
- ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާ ފަރާތެއް
- ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ފަރާތެއް
- ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާ ފަރާތެއް
- ހެރިޓޭޖް މިނިސްޓްރީން ކަނޑައަޅާ ފަރާތެއް
- އެންވަޔަރްމެންޓް މިނިސްޓްރީން ކަނޑައަޅާ ފަރާތެއް
- ޕްލޭނިން މިނިސްޓްރީން ކަނޑައަޅާ ފަރާތެއް
- ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައަޅާ ފަރާތެއް
އުސޫލުގައިވާ ގޮތުން އެކޮމިޓީއަށް ބޭނުންވާ ފަންނީ އަދި އިލްމީ ލަފާ އެހެން ފަރާތްތަކުން ވެސް ހޯދޭނެ އެވެ.