މާލެ: 31°C
ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފި

ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފި

February 19, 2024
3 ފަހަރު ބަލާފައި
ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފި
ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ ދިރާސާ އާއި ކުރެހުމުގެ މަސައްކަތް ކުރުމަށް މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާއި މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކޮށްފައިމިވަނީ ރައީސް ޑރ. މުއިއްޒު މިވަގުތު އައްޑޫ ސިޓީ ހިމެނޭހެން ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އެގޮތުން، މި އެއްބަސްވުމުގައި އެމްއޯޔޫގެ ކޮންސްޓްރްކަޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އިންޖިނިއާ ހެބާ އަހުމަދު ލައިލާ އެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ ހިތަދޫ-ހުޅުމީދޫ ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއުގެ ސާވޭ ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރިޔަސް އެ އެއްބަސްވުން ވަރަށް އަވަހަށް ކޮންޓްރެކްޓަކަށް ބަދަލުވެ، އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ. އަދި ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅާ ބްރިޖް ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެސް އެޅޭނެ އެންމެ ދިގު ބްރިޖު ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުގެ އަންދާޒާއަކީ ތިން އަހަރާ ބައި ނޫނީ ހަތަރު އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ބްރިޖުގެ މަސައްކަތް ނިންމައި މި ސިޓީގެ ރައްޔިތުން، ހިތަދޫން ހުޅުމީދޫ އަށް ހުޅުމީދުން ހިތަދޫ އަށް މުޅި ސިޓީ އެއްކޮށް ގުޅި ލާމެހިގެން ދިއުން،" އެމަނިކުފާނު ވިދާޅުވިއެވެ. ބްރިޖް މަޝްރޫގެ އިތުރުން، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި އައްސޭރި ޓޫރިޒަމް ފުޅާކޮށް މަދުވެގެން 6،000 އެނދު އެޅުމުގެ މަޝްރޫއު އާއި ސީޕްލޭން ހަބެއް ވެސް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުތަކާ އެކު، އެތައް ކަމެއް ފުޅާވެ، ރައްޔިތުންގެ އުއްމީދުތައް ހާސިލުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކު އެކީގައި މި މަޝްރޫއުތައް ކުރިއަށް ދިޔައީމާ މި ސިޓީގެ ރައްޔިތުންނަށް ފެންނާނީ ތި ރައްޔިތުން އަބަދާ އަބަދު ތިޔަ އުއްމީދުކުރި އުފާ ފާގަތިކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބްރިޖު މަޝްރޫއަކީ ޝަރަފަކަށްޓަކައި ކުރާ ކަމެއް ނޫން ކަމަށާއި އެއީ އިގްތިސާދީ ކުރިއެރުމަށް ކުރާ ކަމަކަށް ވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުން ދެއްވި ފުރުސަތާ އެކުގައި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އެމަނިކުފާނު ހުންނެވީ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކުގައި ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ