އެޗްޕީއޭއިން ބުނީ އެ ސާވޭގައި ވަނީ ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވެ ތިބި އަދި ފުރިހަމަކޮށްފައިވާ ކަމުގެ ރެކޯޑް ނެތް މީހުންނަށް ވެކްސިން ދިނުމަށް ރިންގް ވެކްސިނޭޝަން ކުރިއަށް ގެންގޮސްފައި ކަމަށެވެ.
އެޗްޕީއޭއިން ބުނިގޮތުގައި މި ކޭސްއާ ގުޅިގެން 65 މީހަކު މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. މިއިން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފަ ނުވާ ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގަި ވެއެވެ. ބައްޔަށް ޕޮޒިޓިވްވި ކުއްޖާ އާއި ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ އެންމެންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ.އެޗްޕީއޭއިން ބުނީ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް ކަނޑައަޅާފައިވާތީ، ހިމަބިހީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް ހިމަބިއްސަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެކުމަކީ އެ އޭޖެންސީގެ ސާވެއިލެންސް މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްދޭ ތަނަކުން އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އެެހެންކަމުން، ހިމަބިހީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި އަރިދަފުސް ފޭބުމެވެ. އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެފަިވެއެވެ. މިފަދަ އަލާމާތްތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މި ބަލި ރާއްޖެއިން އެ ފަހުން ފެނިފައި ވަނީ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.






