ކުރިއަށް އޮތް ރޯދަ މަހު ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ފުށާއި ބަހަން ފެށޭނީ ރޯދަމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް އިއްޔެ ވިދާޅުވީ ކާޑު އަދި ނުލިބޭ ކަމަށާއި ބެހުމަށް ނިންމާފައި ވަނީ މާލޭގައި ސްޓޭޝަންތަކެއް ގާއިމުކޮށްގެންކަމަށެވެ. ކޮންމެ ގޭބިސީއަކަށް ބެހުމަށް ނިންމާފައި ވަނީ ހަނޑުލާއި ފުށް، ވައްތަރަކުން 10 ކިލޯ އެވެ.
ކާޑު ދޫކުރުމުގައި ބަލާނީ ކޮންމެ ގޭބިސީއެއްގެ ވެސް ކަރަންޓު މީޓަރު ނަންބަރަށް ކަމަށާއި ކާޑު ބަލާ ދާ ކޮންމެ މީހަކު ވެސް އެމީހެއްގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުއިއްޒު އިއުލާނު ކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ، މިއަހަރު ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށް ކަމަށާއި އަންނަ އަހަރު އެ އަދަދު އިތުރު ކުރައްވާނެ ކަމަށެވެ.







