މާލެ: 31°C
ހިޖުރައިގެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތަކުން އިބްރަތް ހާސިލް ކުރަން ރައީސް އިލްތިމާސް ކުރައްވައިފި

ހިޖުރައިގެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތަކުން އިބްރަތް ހާސިލް ކުރަން ރައީސް އިލްތިމާސް ކުރައްވައިފި

July 18, 2023
2 ފަހަރު ބަލާފައި
ހިޖުރައިގެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތަކުން އިބްރަތް ހާސިލް ކުރަން ރައީސް އިލްތިމާސް ކުރައްވައިފި
ހިޖުރައިގެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތަކުން އިބްރަތް ހާސިލުކުރެއްވުމަށް، ދިވެހި ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ. ރައީސް ސޯލިހް މިކަމަށް އިލްތިމާސް ކުރެއްވީ ހިޖުރީ އައު އަހަރު 1445 ފެށުމުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައެވެ. ރައީސް ސޯލިހްގެ ހިތާބު ފަށްޓަވަމުން އެމަނިކުފާނު ވަނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުންމަތުގެ އަޚުންނާއި އުހުތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ވެރިންނަށް އަރިސްކުރައްވާފައެވެ. ރައީސް ސޯލިހުގެ ހިތާބުގައި ހިޖުރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަގްސަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުންކަން ފާހަގަކުރެއްވިއެވެ. އަދި މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގަތީ، ހިޖުރައަށް ފަހުގައި މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުންކަން ފާހަގަކުރައްވައި ހިޖުރީ އައު އަހަރެއް ފެށޭ މި މުނާޞަބާ ފާހަގަކުރާއިރު އެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތަކުން އިބްރަތް ހާސިލުކުރެއްވުމަށް، ރައީސް ސޯލިހް ވަނީ އިލްތިމާސްކުރައްވާފައެވެ. ރައީސް ސޯލިހުގެ ހިތާބުގައި، ދިވެހިންގެ މެދުގައި އޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ މަތީގައި ގައުމު ބިނާކުރުމަށާއި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ގައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ގައުމު ފޯރުކޮށްދިނުމަށް މިސްރާބު ހިފުމަށް ވެސް އެންމެހާ ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. ރައީސް ސޯލިހުގެ ހިތާބު ނިންމަވައިލައްވާފައި ވަނީ މިފެށުނު ހިޖުރީ 1445 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލެއްވުން އެދި، ދުއާ ދަންނަވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ