މާލެ: 31°C

ހަރުކަށި އަބަދު ކަނޑައަޅާފައިވާ ގޭންގް ބިލު ބަލައިގަނެ ކޮމިޓީއަށް

February 12, 2025
170 ފަހަރު ބަލާފައި
ހަރުކަށި އަބަދު ކަނޑައަޅާފައިވާ ގޭންގް ބިލު ބަލައިގަނެ ކޮމިޓީއަށް
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ އުފައްދައިފި ނަމަ ނުވަތަ ހިންގައިފި ނަމަ އުމުރު ދުވަހަށް ޖަލަށް ލުމާ އެކު 10 މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރެވޭނެހެން އެކުލަވާލި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ބަލައިގަނެ، ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ އުފައްދައިފި ނަމަ ނުވަތަ ހިންގައިފި ނަމަ އުމުރު ދުވަހަށް ޖަލަށް ލުމާ އެކު 10 މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރެވޭނެހެން އެކުލަވާލި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ބަލައިގަނެ، ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ގޭންގު ކުށްތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުސްތޮފާ ހުސައިނެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު މަޖިލިހަށް ބަލައިގަނެ، ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

"ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު"ގެ ނަމުގައި ޑްރާފްޓު ކޮށްފައިވާ ބިލު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވީ ފާއިތުވި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

ބިލުގައިވާ ގޮތުން އިންތިޒާމު ވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ އުފައްދައިފި ނަމަ ނުވަތަ ހިންގައިފި ނަމަ އުމުރު ދުވަހަށް ޖަލަށް ލުމާއެކު ދެ ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދީފި ނަމަ 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާ އާއި 5 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބިލުގައި ގޭންގު ހަރަކާތެއް ހިންގުމަށް ތައްޔާރުވުމުގެ ގޮތުން ނުވަތަ ގޭންގުގެ މެމްބަރުން އެކަކު އަނެކަކަށް ބައްދަލުވެ އުޅުމަށްޓަކައި ވަކި ގެއަކަށް ނުވަތަ ތަނަކަށް އެއްވެ ކުށެއް ކުރަން އުޅޭ ކަމަށްވާ ނަމަ، އެ ތަނަކަށް ކޯޓު އަމުރެއް ނެތި ފުލުހުންނަށް ވަދެވޭ ގޮތަށް ބާރުދީފައިވެ އެވެ.

އަދި ގޭންގު ހަރަކާތެއް ހިންގުމަށް އަމިއްލަ ތަނެއް ބޭނުން ކުރުމާއި ގޭންގު މެމްބަރުން އަމިއްލަ އަދި އާންމު ތަނަކަށް ބާރު ފޯރުވުން ހުއްޓުވަން ވަނީ ހިމަނާފަ އެވެ.

ބިލުގައި ބުނާ ގޮތުން ގޭގެ ނުވަތަ އެ ގެ ވަށައިގެންވާ ގެތަކުގެ ނުވަތަ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ހިތުގައި ބިރުވެރިކަން ނުވަތަ އެ މީހުންގެ ކަންބޮޑުވުމެއް އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ނަމަ، އެފަދަ ތަނަކަށް ކޯޓު އަމުރަކާ ނުލައި ވަދެ އަމަލު ކުރުމުގެ ބާރު ފުލުހުންނަށް ލިބޭނެ އެވެ.

އެގޮތަށް ކޯޓު އަމުރަކާއި ނުލައި ވަދެވޭނެ ހާލަތްތަކެއް އެ ބިލުގައި ހިމަނާފައިވެ އެވެ.

  • މަަގުމަތި ޕެޓްރޯކުރުމުގެ ތެރެއިން ފުލުހުންނަށް ފެންނަ ފެނުންތަކާއި ލިބޭ
    މައުލޫމާތު
  • ފުލުހުންނަށް ހުށަހެޅޭ މައްސަލައެއްގެ ތަހުގީގުން ލިބޭ މައުލޫމާތު
  • ކަމާ ގުޅޭ ދައުލަތުގެ އިދާރާއަކުން ފުލުހުންނާއި ހިއްސާކުރާ މައުލޫމާތު
  • އާންމު ފަރާތަކުން ހިއްސާކުރާ މައުލޫމާތަކީ، ސައްހަ މައުލޫމާތެއް ކަމަށް ފުލުހުންގެ
    އިންޓެލިޖެންސުން އެންގުން

އެ ހާލަތެއް މެދުވެރި ވެގެން ފިޔަވަޅު އަޅަން ޖެހުނުކަން ބިނާވި ތަނަކީ، ފަޅުކޮށް ދޫކޮށްލާފައިވާ ތަނެއް ނަމަ އަދި އެތަނަކީ އަމިއްލަ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނަމަ، އެ ތަނަށް ގޭންގު މެންބަރުން ވަދެ އެއްވެ ނޫޅެވޭނެކަން ލިޔުމުން އެންގުމުގެ ބާރު އަަލަށް އެކުލަވާލާ ހަރުކަށި ގޭންގު ގާނޫނުން ފުލުހުންނަށް ލިބިގެންވާ ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.

ބިލުގައި ބުނީ އަަންގާ އެންގުމާ އެއްގޮތަށް ތަނުގެ ވެރި ފަރާތުން އަމަލުނުކޮށް އެ ތަނެއްގައި ތަކުރާރުކޮށް ގޭންގު މެމްބަރުން އެއްވެ އުޅޭ ނަމަ، އެ ތަނަށް އެއްވެސް މީހަކަށް ނުވަދެވޭނެހެން ބަންދުކޮށް އެކަމުގެ ނޯޓިސް ބެހެއްޓުމަށް ފަހު، އެ ނޯޓިސް އާ ހިލާފަށް އެ ތަނަށް ވަންނަ ފަރާތްތައް ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ގޭންގު މެމްބަރުން ވަދެ އެއްވެ ނޫޅެވޭނެ ފަދައަކުން އެ ތަނެއް ބެލެހެއްޓުމަށް އެ ތަނެއްގެ ވެރިފަރާތަށް ނުވަތަ އެ ތަނެއް ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތަށް ލިޔުމުން ފުލުހުން އަންގަންވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ދައުލަތުގެ ވަކި އިދާރާއަކުން ވަކި އުސޫލަކުން އެހެން ފަރާތަކަށް ދޫކޮށްފައިވާ ތަނަކީ، ގޭންގަކަށް ނުވަތަ ގޭންގެއް މެމްބަރަކަށް ނުވަތަ ގޭންގެއްގެ ލީޑަރަކަށް ނުވަތަ އެއިން ފަރާތެއްގެ ހިއްސާއެއް ނުވަތަ ބައިވެރިވުމެއް އޮތް ފަރާތަކަށް ދޫކޮށްފައިވާ ތަނެއް ނަމަ، އެ ތަނެއް ދޫކުރި ދައުލަތުގެ އިދާރާގެ ބެލުމުގެ ދަށަށް އެ ތަނެއް އަނބުރާ ގެންނަންވާނެ ކަމަށް ބިލުގައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ