މާލެ: 31°C

ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ ލާމަރުކަޒީ ތަސައްވުރުގެ މިސާލެއް: ޖައިޝަންކަރު

January 19, 2023
2 ފަހަރު ބަލާފައި
ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ ލާމަރުކަޒީ ތަސައްވުރުގެ މިސާލެއް: ޖައިޝަންކަރު
ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ ލާމަރުކަޒީ ތަސައްވުރުގެ މިސާލެއް: ޖައިޝަންކަރު
ހަނިމާދޫ އެއާޕޯޓް ބޮޑުކުރަން ހިންގާ މަޝްރޫއަކީ ދިވެހިރާއްޖެ ލާމަރުކަޒުކުރަން ދިވެހި ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ވަރުގަދަ މިސާލެއް ކަމަށް ވިދާޅުވެ، އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަަންކަރު އެ މަޝްރޫއަށް ތައުރީފުކުރައްވައިފި އެވެ. ހަނިމާދޫ އެއާޕޯޓް ބޮޑުކޮށް ރަނގަޅު ފެންވަރަކަށް އަލުން ހަދަން، އިންޑިއާއިން ރާއްޖެއަށް ދޫކުރި 800 މިލިޔަން ޑޮލަރުގެ ދަރަންޏަކުން (ލައިން އޮފް ކްރެޑިޓް ފެސިލިޓީ) އަކުން ކުރިއަށް ގެންދާ މަޝްރޫއު ފަށަން ހަނިމާދޫގައި ރޭ ބޭއްވި ޖަލްސާގައި ޖައިޝަންކަރު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުތުރު ސަރަހައްދުގެ އިގުތިސާދު މުޅިން ބަދަލުކޮށްލާނެ ފަދަ ހެޔޮ އަސަރެއް ކުރާނެ ކަަމަށެވެ. އެ މަޝްރޫއުގެ ސަބަބުން އުތުރުގައި ވިޔަފާރި ކުރިއަރައި އިތުރު ވަޒީފާތައް އުފެދިގެން ދާނެ ކަމަށާއި ޓޫރިޒަމް ކުރިއަރުވަން ލިބޭ ހިތްވަރަކަށް ވެސް އެކަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަދި މި މަޝްރޫއަކީ ވެސް ލާމަރުކަޒު ކުރަން ދިވެހި ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ވަރުގަދަ މިސާލެއް. އިންޑިއާގައި ވެސް އަޅުގަނޑުމެން އިސްކަން ދެނީ އެންމެންގެ ބައިވެރިވުން އޮންނަ ، ހަމަ ހަމަ ފުރުސަތު ލިބޭ ތަރައްގީގެ މަޝްރޫއުތަކަށް،" ޖައިޝަންކަރު ވިދާޅުވި އެވެ. އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދެފަރާތުގެ މަސްލަހަތާއި ފައިދާއަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ ހެޔޮ ނިޔަތާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިއީ ގޮންޖެހުންތަކަށް އަވަހަށް އިޖާބަދިނުމުގެ ފުރުސަތު ހޯދައިދިން ގުޅުމެއް، ދާދި ފަހުން ކޯވިޑްގެ ބަލިމަޑުކަމުގައި ފެނިގެން ދިޔަ ފަދައިން،" ޖައިޝަންކަރު ވިދާޅުވި އެވެ. ބަައިނަލް އަގުވާމީ ސިޔާސީ މަޝްރަަހަށް އަންނަމުންދާ ބަދަލުތަކުގެ އަަސަރު ހުރިހާ ގައުމަކަށް ވެސް ކުރަމުންދާ ކަމަށާއި ގައުމުތައް ގުޅިގެން މަަސައްކަތްކުރުމުގެ މުހިއްމުކަން މިހާރު އެހެންވެ ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބަދަލުވަމުން އަންނަ އިގުތިސާދީ ގޮންޖެހުންތަކަށް އެޑްރެސްކުރުމުގައި އިންޑިއާއިން ރާއްޖެއަށް މަދަދުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ދެގައުމުގެ އެއްބާރުލުން ކުރިއަށް ގެންދަން އިންޑިއާއިން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން އަލުން ދިނުމަށް އަޅުގަނޑު މިފުރުސަތުގެ ބޭނުން ކުރަން،" ޖައިޝަންކަރު ވިދާޅުވި އެވެ. އިންޑިއާގެ އަމިއްލަ ތަރައްގީ އަކީ އެހެން ގައުމުތަކުގެ ތަރައްގީއާ ވަކިނުކުރެވޭނެ ކަމެއް ކަމަށް އެގައުމުން ގަބޫލުކުރާ ކަމަށާއި އެކަމުގައި އަވަށްޓެރި ގައުމުތައް ހާއްސަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ