ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތް މި ފެށީ ހުއްޓި އޮވެ ފަހަތަށް ގޮސް ގެއްލިހުސްނުވާ ގޮތަށް: ރައީސް ސޯލިހު

ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތް މި ފެށީ ހުއްޓި އޮވެ ފަހަތަށް ގޮސް ގެއްލިހުސްނުވާ ގޮތަށް: ރައީސް ސޯލިހު
ލިޔުން:
ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތް މި ފެށީ ހުއްޓި އޮވެ ފަހަތަށް ގޮސް ގެއްލިހުސްނުވާގޮތަށް ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރާ ވަކި އުޞޫލުތަކެއް، ވައްޓަފާޅިއެއް އޮންނަ ކަމަށާއި، ކުރާ ކޮންމެ މަސައްކަތަކާއި، ހިނގާ ކޮންމެ މަޝްރޫޢެއް ހިންގަނީ މިގޮތަށް ކަމަށެވެ. އަދި މިހާރު މުޅި ރާއްޖެއަށް މިގެންނަ ތަރައްޤީގެ ބަދަލު، ފުރަތަމަ ފަށަނީ ގަލަމު ތުނޑުން ކަމަށާއި، ރަނގަޅަށް ދިރާސާކުރެވި، ހިސާބު ކިތާބުން ނަތީޖާ ހޯދުން ކަމަށެވެ. އަދި އެ ނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ނުހެދިއްޖެނަމަ މި ޒަމާނުގައި އެއީ ނުވާ ކަމެއްފަދަ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ވިސްނުމާއި ފިކުރާއި ޙިކުމަތާއި ކެތްތެރިކަމާ ނުލައި ދެމެހެއްޓެނިވި ތަރައްޤީއެއް ނުލިބޭނެ ކަމަށެވެ.
"ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތް މިއަދު މި ފެށީ އަޅުގަނޑުމެން އެގޮތަށް. ހުއްޓި އޮވެ ފަހަތަށް ގޮސް ގެއްލިހުސްނުވާގޮތަށް. މި ފެށިގޮތަށް ފެށީމާ، މާތްﷲގެ އިރާދަފުޅާއެކު، ދެން މިކަމެއް ނުހުއްޓޭނެ. ފަހަތަކަށްވެސް ނުދާނެ. ރައްޔިތުންނަށްޓަކައި ޤައުމެއްގެ ކަންކަން ހަމަމަގުން ހިންގޭނީ ވަކި ހަމަތަކަކުން. ވަރަށްގިނަ އަމިއްލަ އިޙްސާސާއި، ދޭދޭ ޖަޒްބާތު އެއްފަރާތް ކޮށްގެން. ކެހި ކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރިކަމާއި ވިސްނުންނެތި، ކަނޑޫ ކަހައިފިނަމަ، އެ ހިތި އެންމެންގެ އަރުގައި ލާނެ. ކުރިއަށް ދާންޖެހޭ ސީދާމަގުން ކައްސާލައި މަގުމަތިވާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއަރޕޯޓް ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން ، މި ސަރަޙައްދުގެ އިގްތިޞޯދަށް ދިރުން ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން އެތައްހާސް ވަޒީފާތައް އުފެދުމާއި ގެސްޓް ހައުސްތަކާއި ، ސިޓީ ހޮޓާތަކާއި ، ރިސޯޓުތަކުގެ އެނދުތައް ، އެތައް ގުނައެއް އިތުރުވެގެންދިއުމާއި އެކި ބާވަތްތަކުގެ ވިޔަފާރިތަކާ ، އިޤްތިޞާދީ މަސައްކަތްތަކަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންގޮސް ބޮޑުތިލަދުންމައްޗަކީ އިޤްތިޞާދީ ވަރުގަދަ ހަބަކަށްވުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ވިސްނުމެއް، ރޭވުމެއް ނެތިއްޖެނަމަ، ރޭވެ އަލިވިލޭއިރު، އެންމެން އެކީ އެއްފަހަރާ ބިކަވާނެ. ކޮންމެ ކަމަކަށްވެސް ދެމެހެއްޓެނިވި ވިސްނުމަކާއި، ފެން ހިލޭ ޕްލޭނެއް އޮންނަންވާނެ. މިއަދު ޢަމަލީ މަސައްކަތް މި ފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް. މަޝްރޫޢު ހިންގުމަށް އެންމެބޮޑު އެއްޗަކީ އެކަމަށް ބޭނުންވާ ފައިސާ. މި މަޝްރޫޢުގެ ފައިސާ ހުރީ ހަމަޖެހި ނިމިފައި. މިއީ އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލް ހިމެނޭ ޕްރޮޖެކްޓެއް. 2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކީ ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ ބޮޑެތި މަތިންދާބޯޓުފަހަރަށް އަޅާ ރަންވޭއެއް. މީގެއިތުރަށް، ބައިނަލްއަޤްވާމީ އެއަރޕޯޓަށް ބޭނުންވާނެ ހުރިހާ ވަސީލަތްތައް ހަނިމާދޫގައި ޤާއިމްކުރެވޭނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
