މާލެ: 31°C
ހަމަލާތަކާ ގުޅިގެން ރައީސް، އިރާނުގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

ހަމަލާތަކާ ގުޅިގެން ރައީސް، އިރާނުގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

January 5, 2024
3 ފަހަރު ބަލާފައި
ހަމަލާތަކާ ގުޅިގެން ރައީސް، އިރާނުގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި
އިރާނުގެ ކަރުމަންއަށް އިއްޔެ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރާނުގެ ރައީސް ސައްޔެދް އެބްރަހަމް ރައިސީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އިރާނުގެ ކަރުމަންއަށް ދިން ބޮމުގެ ހަމަލާގައި ގާތްގަޑަކަށް ސަތޭކައެއްހާ އާންމުން މަރުވެ އެތައް ބަޔަކު ޒަހަމުވި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި ފުންހިތާމައާ އެކުކަން ރައީސް ޑރ. މުއިއްޒު މެސެޖުގައި، ފާހަގަ ކުރައްވާފައިވެއެވެ. އަދި ކުށެއްނެތް ޢާންމުންގެ ބަޔަކަށް ދެވުނު މި ޙަމަލާއަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުކަމެއްކަމަށާއި އަދި މިއީ އިންސާނީ ކަރާމާތަށް އިހުތިރާމެއް ނެތް، ފިނޑި ޢަމަލެއްކަމުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ޓެރަރިޒަމްގެ މި ފިނޑި އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މެސެޖު ނިންމަވާލައްވަމުން ވަނީ މިހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި ‏މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކަށް އަދުގެ ދުނިޔޭގައި ޖާގައެއްނެތްކަމާއި ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ އަމަލުތަކާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ