ހައްޖަށް ދިއުމަށް އާންމު ރައްޔިތުން ކުރަންޖެހޭ ޚަރަދު ކުޑަކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރިއަށްގެންދިޔަ އަހާ ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ރާއްޖޭގައި ހައްޖަށް މީހުން ފޮނުވުމުގެ ނިޒާމު ހަރުދަނާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު ވަޢުދުތަކުގެ ތެރެއިން ވަޢުދެއް ކަމަށެވެ. އެއީ އެމަނިކުފާނު ވަރަށް އިސްކަންދެއްވާ މަސައްކަތެއް ކަމަށާއި ހައްޖަށް ދިއުމުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ވަކި ތަޞައްވުރެއްގެ ދަށުން ކުރިއަށް ގެންދާ ކަމަށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސްގެ ވެރިކަމުގެ މި ދައުރުގައި މިކަމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނެ ކަމަށެވެ.
މީގެކުރިން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވެސް ވަނީ ހައްޖަށް ދިއުމުގެ ޚަރަދު ކުޑަކުރުމަކީ އަމާޒެއްކަން ހާމަކުރައްވާފަ އެވެ.
މިހާރު ހައްޖަށް ދިއުމަށް މީހަކަށް 69,965 ރުފިޔާ ދައްކަންޖެހޭއިރު، ޝަކީލް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހައްޖަށް ދިއުމަށް ހޭދަވާ ޚަރަދު 50,000 ރުފިޔާއަށް ކުޑަކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވަމުންދާ ކަމަށެވެ. މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ހައްޖު ކޯޕަރޭޝަންގެ މާލީ ޙާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށާއި، މިގޮތުން އެ ކޯޕަރޭޝަނުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމުގެ މަސައްކަތް ފަށާފައިވާކަން ޝަކީލް ފާހަގަކުރެއްވިއެވެ.







