މާލެ: 31°C

ހައްގުތަކުގެ ދާއިރާއިން އެންމެ އިސް ސިޔާސަތަކީ ހިދުމަތް ދިނުމުގައި ތަފާތުނުކުރުން: ރައީސް

December 10, 2022
2 ފަހަރު ބަލާފައި
ހައްގުތަކުގެ ދާއިރާއިން އެންމެ އިސް ސިޔާސަތަކީ ހިދުމަތް ދިނުމުގައި ތަފާތުނުކުރުން: ރައީސް
ހައްގުތަކުގެ ދާއިރާއިން އެންމެ އިސް ސިޔާސަތަކީ ހިދުމަތް ދިނުމުގައި ތަފާތުނުކުރުން: ރައީސް
އިންސާނީ ހައްގުތަކުގެ ދާއިރާއިން ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ އަސާސީ ހިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބާގައި އާއްމުކުރެއްވި ހިތާބުގައި ރައީސް ވިދާޅުވީ ޒަރޫރީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން ސަރުކާރު މިހާރު ވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ރަށްރަށުގައި ގާއިމްނުކުރެވި ހުރި ހިދުމަތްތައް ގާއިމްކުރަމުން އަންނަނީ ރައްޔިތުންނަށް އިންސާނީ ހައްގުތައް ފޯރުކޮށްދޭން ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"...އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ހިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުމެވެ. އިންސާނީ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ޒަރޫރީ ހިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރުވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރުމުގައި މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައި އޮތީ އިންސާނީ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ރާއްޖޭގައި ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށެވެ. ސަމާލުކަން ދޭން ޖެހޭ އެއް ކަމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ ހުއްޓުވުމެވެ. އެފަދަ އަނިޔާތަައް ކުރުން ހުއްޓުވުމަށް ޓަކައި މުޅި މުޖުތަމައު އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "...އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް ހުރަސްއެޅޭ އިޖްތިމާއީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެކަނިވެރިކަމުގައި އުމުރުގެ ފަހު ދުވަސްތައް ގުނަމުންދާ ދޮށީ އުމުރުގެ މީހުންނަށް ޙައްޤުވާ ޢާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހެއެވެ. ހަމައެފަދައިން، މައިންބަފައިންގެ ލޯބިން މަހުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމަޢުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާޙައުލެއް ފަހިކޮށްދިނުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ،" ރައީސް ވިދާޅުވި އެވެ.

"ހައްގުތަކާ އެކު ޒިންމާ ތަކެއް ވޭ"

ރައީސް ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތަކުގެ އަސާސަކީ ހަމަ އެކަނި ހައްގުތަކެއް ލިބުމެއް ނޫނެވެ. އަސާސީ ކޮންމެ ހައްގަކާއި އެކު އަދާކުރަން ޖެހޭ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވެސް އެބަހުއްޓެވެ. ދިރިހުރުމުގެ ހައްގާއި އެކުގަައި އޮތް ޒިންމާއަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެހެން މީހުންގެ ފުރާނައަށް ގެއްލުން ނުދިނުމުގެ ޒިންމާ އެވެެ. މުދަލާއި އާމްދަނީ ހޯދުމުގެ ހައްގާއި އެކު އޮތް ޒިންމާއަކީ އެެހެން މީހުންގެ ހައްގުތަކަށް އަރައިނުގަތުމުގެ ޒިންމާ އެވެ. "...ތިމާގެ އަބުރާއި ކަރާމާތް ރައްކާތެރިކުރުމަށް އެދޭއިރު، ކުރާ ކަމަކުން ނުވަތަ ބުނެލާ ބަހަކުން ވިޔަސް، އަނެކާގެ އަބުރާއި އިއްޒަތަށް އުނިކަމެއް ނުދިނުމުގެ ޒިންމާއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް ވަކާލާތުކުރާއިރު، އަނެކާގެ އަބުރާއި ޢިއްޒަތް ގެއްލިގެންދާ މިންވަރަށް ތިމާގެ މިނިވަންކަމުގެ ލަގަން ދޫކޮށްނުލުމުގެ ޒިންމާއެވެ،" ރައީސް ވިދާޅުވި އެވެ. ރައީސްގެ ހިތާބު ނިންމަވައިލެއްވީ ރާއްޖޭގައި އިންސާނީ ހައްގުތައް ދިރުވައި އާލާކުރަން ފަރުދުންނާއި ޖަމިއްޔާޖަމާއަތްތަކާއި ސަރުކާުރން ކުރާ މަސައްކަތުގައި ﷲ ބަަރާތްލެއްވުން އެދިވަޑައިގެން ކުރެއްވި ދުއާއަކުންނެވެ. ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހެވެ. މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހަށް އދ އިން ކަނޑައަޅާފައިވާ ޝިއާރަކީ "ކަރާމާތާއި މިނިވަންކަމާއި އިންސާފު، އެންމެންނަށް" މި ޝިއާރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ