މާލެ: 31°C
ހަގީގީ މިނިވަންކަން ލިބުނީ މިދިޔަ ފަސް އަހަރު: ރައީސް

ހަގީގީ މިނިވަންކަން ލިބުނީ މިދިޔަ ފަސް އަހަރު: ރައީސް

July 26, 2023
2 ފަހަރު ބަލާފައި
ހަގީގީ މިނިވަންކަން ލިބުނީ މިދިޔަ ފަސް އަހަރު: ރައީސް
ރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، ހަގީގީ މާނާގައި މިނިވަންކަން ލިބުނީ މިދިޔަ ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް އެންމެ ފުރިހަމަ މާނައިގައި ރާއްޖެއަށް އޮތީ މިނިވަންކަން ލިބިފައި ކަމަށެވެ. "ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު. ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާޚިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު،" ރައީސް ވިދާޅު ވިއެވެ.

މިނިވަން ދުވަސް މިއަދު ފާހަގަކުރާ އިރު، މާދަމާ އަތުލަން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ވިސްނާލުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ދިވެހިން އެދޭ މަންޒިލަކީ، 21 ވަނަ ގަރުނުގެ ތަރައްގީ ކަމަށާއި އެ މަންޒިލާ ދިވެހިންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހިން އުޅެންޖެހިފައިވާ ހާލަތު ކަމަށް ވިދާޅުވިއެވެ.

"މާތް ﷲގެ ވާގިފުޅާ އެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާ އަށް ދިވެހިން ނެރެދިނުން،" ރައީސް ވިދާޅުވި އެވެ.

މިނިވަންކަން ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ އެހެން ގައުމުތަކާއެކު ދިވެހިރާއްޖެއިން ބާއްވާ "ރަހުމަތްތެރި، ބަދަހި ގުޅުން" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިއަދު ރައީސް ވާހަކަ ދެއްކެވި ޖަލްސާގައި މިނިވަން ދުވަހުގެ ޖަލްސާގައި ގައުމީ އިނާމު ދިނުން ވެސް އޮތެވެ. މިއަހަރު ފާހަގަކުރަނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ