ހަފީޒާ 8ވަނަ ބައި

ހަފީޒާ 8ވަނަ ބައި
ލިޔުން:
22 އޮކްޓޫބަރުގެ އަދަދާއި ގުޅޭ!
"ދައިތަ އަތުގައި ފޮތިފަށެއް އެއްސީ އެކޮއެތަ؟" އައިމިނަ ކުރި ސުވާލަށް ޖަވާބެއް ނުދީ، ފަރީދާ ހަފީޒާގެ މޫނުދޮށަށް ގުދުވެފައި ސުވާލުކުރީ އޭނާގެ ހިތުގައި އޮތް ކަންބޮޑުވުމުގެ ސަބަބުންނެވެ. ފަރީދާއަށް ބަލާލާފައި ހަފީޒާ ބޯހޫރާލީއެވެ.
ހަފީޒާގެ ޖަވާބުން އަނެއްކާވެސް ފަރީދާގެ ހިތުގައި އުފެދުނީ ސުވާލުތަކެވެ. އޭނާގެ ހިތުގައި ހިނގާ ޝައްކުތަކަށް އިތުރަށް ބާރު ލިބެނީއެވެ. ރާމިޒާގެ މަރުގައި ތިންވަނަ މީހެއްގެ އަތެއް އެބައޮތް ކަމުގައި ފަރީދާއަށް ޔަޤީން ވަނީއެވެ.
"އަހަރެން ބުނީ ރާމިޒާގެ ހާލު ކިހިނެއްހޭ؟" އައިމިނަ ކުރި ސުވާލަށް ފަރީދާ ޖަވާބެއް ނުދިނުމުން އަނެއްކާވެސް އައިމިނަ އެހިއެވެ. ފަރީދާ ބޯ ހޫރުވާލީއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
ރާމިޒާގެ ހަށިގަނޑު ބެލުމަށްފަހު، ސެންޓަރު ރަފީޢު ޔަޤީން ކޮށްދިނީ، ރާމިޒާގެ ހަށިގަނޑުގައި ފުރާނަ ނެތްކަމެވެ. އެހަށިގަނޑުން ވިންދު ހުސްވެއްޖެކަމެވެ.
އިބްރާހީމް އަޑުން އަޑުނަގާފައި ރޮއެގަތެވެ. ހަޅޭއްލަވައިގަތެވެ. ދެހިތާމަ އެއް ފަހަރާ އޭނާ ތަޙައްމަލް ކުރާނީ ކިހިނެއްހެއްޔެވެ؟ ރާމިޒާ އާއި އިބްރާހީމްގެ ހަމައެކަނި ދަރިފުޅު އާލިމްގެ ފައިގައި ވެނެއް ދަތްއަޅައި އެކުއްޖާފުޅު އެ އޮތީ ޒަޚަމްވެފައެވެ. އަދި ހޭ ނާރައެވެ. އާލިމްއަށް މަންމަ ނުފެނި ގެއްލުނީއެވެ. ރާމިޒާއަށް ދަރިފުޅު ނުފެނި ވަކިވާން ޖެހުނީއެވެ. ޞިއްޙީ މަރުކަޒުގެ ތެރޭގައި ތިބި އެންމެންވެސް ތިބީ، ހައިރާން ކަމުގައެވެ. އެއްދުވަހެއްގެ ދެ ދަމުގައި މިހިނގީ ބޮޑު ދެކަންތަކެވެ.
"ރާމިޒާ މަރުވީ!" ފުންނޭވާއެއް ދޫކޮށްލަމުން ފަރީދާ ބުންޏެވެ. އައިމިނަ ފަރީދާގެ ގައިގައި ހިފަހައްޓާލިއެވެ.
"އަސްލު ކިހިނެއް މިވީ!" ފަރީދާގެ މޫނަށް ބަލާލަމުން އައިމިނަ އެހިއެވެ.
"މީގައި ނުބައެއް އެބައުޅޭ. މަށަށް ހަމަ ޔަޤީން." ރާމިޒާ އައިމިނައާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ.
"މިމަންޖެ އެބަބުނޭ ވަޅި މައްޗަށޭ ވެއްޓުނީ. ދުށީމޭ. ދެން ..." އައިމިނަ އުފެއްދީ ސުވާލެވެ.
" މި މަންޖެ ބުނާނީ މިމަންޖެއަށް ފެނުނުތަނުގެ ވާހަކަތާ! އެކަމަކު މަށަށް ފެނި އިހްސާސްވި ކަންކަމުން މަށަށް އެނގެނީ މީގައި ގޯހެއް އެބަ އުޅޭކަން. ރާމިޒާ ހޯދަމުން ވަލު ތެރެއަށް ދިޔައިރު، މިއުޅޭ އަރުވާލި މުހައްމަދު ފެނުނު. އޭނާގެ އަތުގައި ލޭ ހެކިފައި ހުއްޓައި ފެނުނު. އޭނާއަށް އެނގިއްޖެ އަހަރެން ނުބުނަނީސްވެސް އަހަރެން މިއުޅެނީ ރާމިޒާ ހޯދަންކަން. ރާމިޒާ ފެނުނު އިރު އަތުގައި ލޭ މަނާކުރަން ފޮތިފަށެއް ބަނދެފައި އޮތް. މިމަންޖެ އެ ބުނަނީ އޭނާއެއް ނޫނޭ. ދެން އިބްރާހީމް ގާތުގައި އަހަންޖެހޭނީ އޭނާތޯ އެ ފޮތިފަށް ބަނީ. އޭނާ ނޫންވެއްޖިއްޔާ، މަށާ އިބްރާހިމާއި ދިޔުމުގެ ކުރިން އިތުރު މީހަކަށް ރާމިޒާ ފެނިއްޖެކަން ޔަޤީން. ދެން އޮތީ ....." ފަރީދާ ހުއްޓާލިއެވެ.
"އެހެން ވިއްޔާ ފުރަތަމަ ފެނުނު މީހާ ކީއްވެބާ! އަވަހަށް މީހުންނަށް އަންގަން ނައީ." އައިމިނަ ވެސް ހިތގުގައި އުފެދުނު ސުވާލެއް ހާމަކުރިއެވެ.
"ރާމިޒާ ފުރަތަމަ ފެނުނު މީހަކު އޮތީ އޭނާގެ ގަޔަށް އަރާފައި." ނުބުނަން އުޅުނު ވާހަކަވެސް އެންމެ ފަހު ފަރީދާގެ އަނގައިން ބޭރުވިއެވެ. އައިމިނަގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
"ހަމަ ތެދެއް! ކިހިނެއް، ފަރީދާއަށް ތިޔަކަން އެނގުނީ!" އައިމިނަ ސުވާލުކުރިއެވެ.
ފަރީދާ އޭނާއަށް ޝައްކުވި ކަންތައްތަކުގެ ވާހަކަޔާއި އަތުގައި ހޭކުނު އެއްޗިއްސާއި ވިނަގަނޑުމަތިންނާއި ރާމިޒާގެ ގައިން ފެނުނު ތެތްކަމުގެ ވާހަކަ ކިޔައިދިނެވެ. އެއީ އޭނާގެ ޝައްކު ޔަޤީނަށް ބަދަލުވާ ހެކިތަކެވެ.
ރާމިޒާ އޮތް ކޮޓަރިން ސެންޓަރު ރަފީޢު ނުކުތުމުން، އޭނާގެ ގާތަށް ޖެހުނީ އައިމިނަ އާއި ފަރީދާއެވެ. ދައްކާވާހަކައެއް އަޑު ނުއިވޭ ހިސާބު ގޮނޑިއެއްގައި އެމީހުން ހަފީޒާ ބޭންދިއެވެ.
ރާމިޒާ އޭނާގެ ޝައްކުތަކާއި ވަހުމްތަކުގެ ވާހަކަތައް ދެއްކުމުން، ރަފީޢުއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އެހެންވެ އޭނާ އަލުން ރާމިޒާ ބާއްވާފައި އޮތް ކޮޓަރިއަށް ވަނީ، އެކަން ޔަޤީން ކުރާށެވެ.
"ރާމިޒާގެ އަތުގައި މި ފޮތިފަށް އެއްސީ އިބްރާހީމްތަ؟" ރާމިޒާގެ އަތް ހިއްލާލަމުން ގާތުގައި ހުރި އިބްރާހީމް ގާތުގައި ރަފީޢު އެހިއެވެ. އަނގައިން ބަހެއް ނުބުނެ ނޫނެކޭ ބުނުމުގެ ގޮތުން އިބްރާހީމް ބޯހޫރާލީއެވެ. އޭރުވެސް އިބްރާހީމް ދިޔައީ ރޮމުން ގިސްލަމުންނެވެ. ކައިރީގައި ހުރި އެހެން މީހަކަށް ރަފީޢު އިޝާރާތްކޮށްލީ އިބްރާހީމް ގޮވައިގެން ނުކުންނާށެވެ.
*************
މޫދު ތެރޭގައި އޮތް މުޙައްމަދު ބަކަތަޅަމުން ލަވަކިޔަކުން ގައިން ލޭފިލުވުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ ހުރީ ރަށުގެ އެއްގަމާއި ދިމާއަށް ކުރިމަތިލައިގެންނެވެ. އޭނާގެ ގައި ފޭދެމުން ދިޔަ ލެއިން ބޭރަށް ދެމޭ އޮއެވަރާއި އެކު އުރަފަށުގެ މައްޗަށް ފެތުރެމުން ދިޔަ ލޭގެ އަސަރުގެ ވަސްޖެހި މިޔަރުގެ މިސްރާބު ބަދަލުވެއްޖެއެވެ. އުރަހަ ފެނުން މައްޗަށް ހިއްކައިގެން މަޑުމަޑުން ގާތައްމަތިން ގޮނޑުދޮށަށް އަންނަ ބޮޑު މިޔަރުގެ ހިލަމެއް މުހައްމަދަކަށް ނުވެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ކުރި ނުބައިކަންތަކުގެ ޚިޔާލުތައް ސިކުނޑީން ފޮހެ ލުމަށެވެ.
އެހިމޭން މާހައުލުގައި އޮތީ ހަމައެކަނި ގޮނޑު ދޮށަށް ރާޅު ޖަހާއަޑެވެ. ހުކުރު ދުވަހަށްވުމާއި މިއަދު ތުނޑިމަތީގައި ހިނގައި ދިޔަ ހާދިސާގެ ސަބަބުން މިހާއިރު ވީއިރު ގޮނޑު ދޮށުގައި މީހަކު ނެތެވެ. ވަރަށް ދުރުން ގޮނޑު ދޮށުގައި ކޮންމެވެސް މީހަކު، ރިޔާނެގި ކުޑަ ދޯންޏެއްގެ ކުނބު ތިރިކުރަން އުޅޭތީ ފެނެއެވެ. ހުކުރު ދުވަހުގެ މެންދުރު ނަމާދުގެ ބަންގީގެ އަޑު އިވެން ފެށުމާއި އެކު، މުޙައްމަދުވެސް އެއްގަމަށް އެރުމުގެ ނިޔަތުގައި ފަހު ފަހަރަށް މޫދުގެ ތެރެއަށް ގެނބިގަތެވެ. ފަހަތުން އައި މިޔަރު މުހައްމަދުގެ ކަނާތުގައި ދަތް އެޅީ އެވަގުތުއެވެ. މުހައްމަދުގެ އަތުގައި ދަތް އެޅި ގޮތަށް މިޔަރު ބޭރަށް ދެމި ގަތީ، އޭނާގެ އަތް ކޮނޑުހުޅުން ވަކިކޮށްލައިގެންނެވެ. މުޙައްމަދަށް ވީގޮތެއް ނޭނގުނެވެ، އޭނާ ބިރުން ފުންމައިގަތެވެ. އޭރު އޭނާގެ ހަށިގަނޑުން ކަނާތް ވަކިވެއްޖެކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
މުހައްމަދު ލޮނުގަނޑުގެ ތެރެއިން ތެދުވެ އެއްގަމަށް ދުއްވައިގަތެވެ. އޭނާއަށް ދެވުނީ ރާޅުޖަހާފަށަށެވެ. އޭނާ ބަންޑުން ވެއްޓުނެވެ. އެއް އަތް ނެތްކަމާއި، ލޭ އަންނަމުންދާ ކަމުގެ އިޙްސާސް މުޙައްމަދަށް ވީ އޭނާ ތެދުވަން އަތް ވިއްދަން ބޭނުންވި ވަގުތުގައެވެ.
ވާތް ވިއްދާފައި ތެދުވެ، ކަނާތު ކޮނޑުހުޅުން ވަކިވެފައިވާ ތަނުގައި ބާރަށް އަތް އަޅައިގެން މުޙައްމަދު އެއްގަމަށް ދުއްވައިގަތެވެ. ތަންކޮޅަކަށް ދުވެވުނުތަނާ އުނަގަނޑުގައި އޮތް މުންޑު މޮހެވިގެން ގޮސް ފައިދަށަށް ވެއްޓި ދަތިޖެހުމާއި އެކު އަނެއްކާވެސް އޭނާ ފަސްގަނޑުމައްޗަށް ވެއްޓުނެވެ.
އަނެއްކާވެސް މުހައްމަދު ތެދުވިއެވެ. އޮރިޔާން ހާލުގައި އޭނާ ތެދުވެ ދުއްވައިގަތީ އެއްގަމަށެވެ. ކޮނޑުހުޅުން ކަނާތް ވަކިވެ ލޭ ފައިބަމުން ދިޔަ ތަނުގައި އަތް އަޅައިގެންނެވެ. އެކަމަކު ޞިއްޙީ މަރުކަޒު ފެންނަ ހިސާބަށް ދެވުނު އިރު އޭނާގެ ހަކަތަ ހުސްވެ އަރި އަރިއަށް ދާންފަށައިފިއެވެ. ޞިއްޙީ މަރުކަޒު ދޮށުގައި ތިބި ބައެއް މީހުންނަށް އެމަންޒަރު ފެނުމުން ލަވައިގަތީ ހަޅޭކެވެ. ބޮޑު ސިންގާ ފިރިހެނަކު މަގު މެދުގައި ހުރީ އޮރިޔާމާއެވެ. އޭނާގެ ގައިން އޮހޮރެމުން ދިޔަ ލޭ އެމީހުންނަށް ފެނުނީ އޭގެ ފަހުންނެވެ.
ސެންޓަރު ރަފީޢު އާއި އެހެން ނަރުހަކު، ރާމިޒާގެ ހަށިގަނޑު ބަލާފައި، ކޮޓަރިން ބޭރަށް ނުކުން ވަގުތު އެމީހުންނަށްވެސް ފެނުނީ، މަރުކަޒުގެ ދޮރުމައްޗަށް އައިސް ހުއްޓުނު މުޙައްމަދެވެ.
ރަފީޢުގެ އެންގުމާއި އެއްގޮތަށް މުހައްމަދުގެ އޮރިޔާން ނިވާކޮށް، އޭނާގެ ކޮނޑުމަތީ ޒަޚަމްގައި ބާރަށް ފޮތިގަނޑެއް އޮޅައިގެން ގެނެސް ބޭއްވީ، ރާމިޒާގެ ފުރާނަ ނެތް މަސްގަނޑު އޮތް އެނދުގެ އަނެއް ފަރާތުގައި ހުރި އެނދުގައެވެ.
"މިތާކު ތިއޭޓަރެއް ނެތް! އެކަމަކު މިޖެހެނީ ބޮޑު އޮޕަރޭޝަނެއް ކުރަން. އެހެން ނޫނީ މީނާގެ ފުރާނަ ސަލާމަތެއް ނުވާނެ." ރަފީޢު އެހެން ބުނީ ކައިރީގައި ހުރި ނަރުހަށެވެ.
ރާމިޒާގެ ހަށިގަނޑު ވޯޑު އެނދަކަށް ބަދަލުކޮށް، ބަލި މީހުން ބަލާ ކޮޓަރީގައި މުހައްމަދު ބާއްވައިގެން ރަފީޢު ފެށީ މީގެ ކުރިން ދުވަހަކުވެސް އޭނާވެސް އަދި އެމަރުކަޒުގައިވެސް ކޮށްފައި ނުވާފަދަ ބޮޑު އޮޕަރޭޝަނެކެވެ. މަދު ވަޞީލަތްތަކާއި އެކުވެސް، ރަފީޢު އޭނާގެ ހުރި ތަޖުރިބާގެ ބޭނުންކޮށްގެން ބައިގަޑިއެއްހައި އިރުގެ ތެރޭގައި، މުހައްމަދުގެ ކޮނޑުހުޅުމަތިން ނާރުތައް ބައްދައި ލޭ މަނާކޮށް ބޭސް އަޅައިފިއެވެ.
(ނުނިމޭ)
9 ވަނަ ބައި 29 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
