މާލެ: 31°C

ހަފީޒާ 7ވަނަ ބައި

ހަފީޒާ 7ވަނަ ބައި
October 22, 2024
2 ފަހަރު ބަލާފައި
ހަފީޒާ 7ވަނަ ބައި
18 އޮކްޓޫބަރުގެ އަދަދާއި ގުޅޭ! ރާމިޒާގެ ހަށިގަނޑަށް ބަލަން އިނދެ އިބްރާހިމް ބާރަށް ރޮނީއެވެ. ފަރީދާ ހުރީ ޖަވާބު ނެތް ސުވާލުތަކެއްގެ ދުނިޔެއަށް ގެއްލިފައެވެ. ފަންތަކުގެ ދަށުގައި އޮތް އާދަނަށް ބޫން އަޑުތަކެއްގެ ގޮތުގައި އެއަޑުތައް އިވެމުން ދިޔައެވެ. އެކަމަކު އަތްފައި ގުޑުވާލެވޭނެ ހައި ހިއްވަރެއްވެސް އޭނާގެ ނެތެވެ. އޭނާ އޮތީ ދެބަ ދޭތެރޭގައެވެ. ކުކުރުމުގެ އަޑު މަޑުމަޑުން އިވެމުން ދިޔަ ނަމަވެސް އެއަޑުން މީހަކަށް ހީވާނީ، ހާލީގައި ފީވެ އޮތް ވަލު ކަނބިއްޔެއް ކުކުރަނީ ހެންނެވެ. "ޞިއްޙީ މަރުކަޒަށް ގެންދެވޭތޯ ހިނގާ! ކޮނޑުމައްޗަށް ނަގާ!" ލިބާހުގެ ފަސްބައި އަތް ސާފު ކުރަމުން ފަރީދާ އިބްރާހީމަށް ބުންޏެވެ. ކަށިން ހިއްވަރު ނަގައި، އިބްރާހީމް ރާމިޒާގެ ހަށިގަނޑުން ކޮނޑުމައްޗަށް ނެގިއެވެ. ފަރީދާވެސް އެހީވިއެވެ. ދެމީހުން އެކުގައި ވަލުން ނުކުންނަށް ހިނގައި ގަތެވެ. ވިނަގަނޑުމައްޗަސް ފައިބާފައި ހުރި ހިކި މިދިލި ފަތްތައް ފައިދަށުވެ ފުނޑުފުނޑުވަމުން ދިޔަ އަޑާއި އެކުވެގެން ފަރީދާއަށް މީހެއްގެ ކުކުރުމުގެ އަޑު އިވުނެވެ. އޭނާ ވަށައި ހޯދާލިއެވެ. އެކަމަކު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފަރީދާގެ ހިތް ސުވާލުތަކާއި ވަހުމުން ފުރިފައި ވިޔަސް، އޭނާއަށް އެއްވެސް ތަފާތުކަމެއް ނުފެނުނެވެ. އާދަނުގެ ގައިމަތީގައި މުހައްމަދު އެލީ ރޯފަނެވެ. އެފަންތަކުގެ މަތިން އޭނާއެޅީ ހަމަ އިރުކޮޅެއް ކުރިން ކެނޑި މާހިމެރި ވެޔޮގަނޑުތަކެވެ. އެހެންކަމުން އެ ވެޔޮގަނޑުތަކުގައި އެއްވެސް މޯޅިކަމެއް ނެތުމާއިއެކު، އެތަން ފަރީދާއަކަށް ފާހަގައެއް ނުވިއެވެ. ފިޔަވަޅެއްގެ މަތީގައި ހުއްޓި އޭނާ ހިމޭންވެލީ އެއަޑަށް ކަނުލައިގެން ހުރުމަށެވެ. އެހެން ނަމަވެސް އެއީ ކޮން އަޑެއްކަމެއް އޭނާއަށް ފާހަގައެއް ނުވިއެވެ. އެހެންވެ އިބްރާހިމްގެ ފަހަތުން ފަރީދާ އަނެއްކާވެސް ހިނގައިގަތެވެ. މަގަށް ނުކުމެވުމާއި އެކު އަޑުގެ ކޮޅަށް، ފަރީދާ ހަޅޭ ލަވަންފެށިއެވެ. "މީހެކޭ! މީހެކޭ! ފަތްޖެހި އެނދެއް ގެނެސްދީ!" އިބްރާހީމުގެ ކުރިއަރައިގެން އަވަށާއި ދިމާއަށް ދުވަމުން ފަރީދާ ގޮވަމުން ދިޔައެވެ. އެއަޑުއަހަން ވަލުތެރޭގައި ބޮނދައި އޮތް މުޙައްމަދުވެސް އެމީހުން ފަސްދީ ދިޔުމުން އޮތްތަނުން ނުކުތެވެ. އަދި އަވަސް އަވަހަށް އަނެއް ފަރާތުން ވަލަށް އޭނާ ވަނީ އާދަނު އޮތްތަނާއި ދިމާއަށް ދިޔުމަށެވެ. އަވަށުތެރެއަށް އިބްރާހިމާއި، ފަރީދާއަށް ނުނުކެމެވެނީސް ފަރީދާގެ އަޑަށް މީހުންތައް މަގުމައްޗަށް ނުކުމެއްޖެއެވެ. ކޮންމެވެސް ގެއަކުން ނެރުނު ފަތްޖެހި އެނދެއްގައި ރާމިޒާގެ ހަށިގަނޑު ބާއްވައިގެން އެންމެންވެގެން ހިނގައިގަތީ ޞިއްޙީ މަރުކަޒާއި ދިމާއަށެވެ. އެންމެންވެސް ތިބީ ހައިރާންވެފައެވެ. އެއީ އިބްރާހީމާއި ރާމިޒާގެ ހަމައެނި ދަރިފުޅު އާލިމަށް ވީގޮތް ރަށުގެ އެންމެންނަށް އެނގިފައި އޮތީމެވެ. އެހިތާމަ ނުފިލަނީވެސް އާލިމްގެ މަންމަ ރާމިޒާއަށް މިވީ ގޮތުންވެސް އެތައް ބައެއްގެ ލޮލުން ކަރުނަ އޮހުނެވެ. ********* ގަސްތަކުގެ ތެރެ ހާވަމުން ބަލަމުން އައިސް މުހައްމަދު ނުކުތީ، އޭނާ އާދަނު ބޭއްވި ތަނަށެވެ. ވިނަތަކާއި ފަންތައް ނެގިއިރު، އާދަނު އޮތީ ހަމަ ރަނގަޅަށް ޚަބަރު ހުސްވެފައެވެ. ހަދާނެ ގޮތަކާއި މެދު މުހައްމަދު ވިސްނަން ފެށިއެވެ. އޭނާއަށް  ވިސްނުނީ، އާދަނު ވަޅުލުމަށެވެ. ދިރިހުއްޓަސް މަރުވެފައި އޮތަސް ވަރިހަމަކޮށްފައި އާދަނު ވަޅުލާންވެގެން މުހައްމަދު ވަޅުކޮންނަން ބިންމައްޗަށް ކޮއްޕާލީ އަތުގައި އޮތް ކަތިވަޅިއެވެ. އެހެން ނަމަވެސް މޫތަކާއި ގަސްތައް ގިނަ އެތަނުގައި އާދަނު ވަޅުލުމަކީ ފަސޭހަ ކަމެއް ނޫންކަން މުޙައްމަދަށް އެނގުނެވެ. މުޙައްމަދު އާދަނު ނަގައި ކޮނޑަށް ލައިގެން ގަސްތަކުގެ ތެރޭން ހިނގައިގަތީ ގޮނޑުދޮށާއި ވީފަރާތަށެވެ. "ކަލޭ.. މަ ... ތިގެންދަނީ ކޮންތާކަށް!"  މުހައްމަދުގެ ކޮނޑުމަތގައި އޮވެ ހޭވެރިކަން ވާންފެށުމުން އާދަނު ސުވާލު ކުރިއެވެ. މުހައްމަދަށް ލިބުނު ސިހުމުގައި އާދަނު އޭނާގެ ކޮނޑުމަތިން ވައްޓާލީ ވިނަގަސްތަކުގެ މައްޗަށެވެ. ބޯކޮޅު ގޮސް ޖެހުނު ގޮތުން އަނެއްކާވެސް އާދަނުގެ ހޭ ހުސްވީއެވެ. ވެއްޓިފައި އޮތް އާދަނުގެ މޫނާ ގާތްވެލައި، މުހައްމަދު ބެލީ އޭނާ ނޭވާލާތޯއެވެ. އެހެން ނަމަވެސް އާދަނު ނޭވާލާކަމެއް މުހައްމަދަކަށް ފާހަގައެއް ނުވިއެވެ. މުހައްމަދުވެސް ހުރީ ވަރަށް ވަރުބަލިވެ ގުނބު ހިލިފައެވެ. އެހެން ނަމަވެސް އާދަނުގެ ކަންތައް މުޅިން ނިންމައި ނުލައި ދޫކޮށްލުމަކީ އޭނާއަށް ވާނޭ ކަމެއް ނޫނެވެ. އާދަނު ހޭއަރައިގެން މީހަކަށް ކިޔައިދީފިނަމަ މުހައްމަދުގެ ދުވަސް ދިޔައީއެވެ. އެހެންވީމާ، ދެން އެއްވެސް މީހަކަށް އާދަނު ނުފެންނާނެކަން މުހައްމަދު ޔަޤީންކުރަން ބޭނުމެވެ. ގަސްތަކުގެ ތެރޭއި އާދަނު ދަމާ ކޫއްތަމުން، އަދި ބައެއް ފަހަރު ކޮނޑަށްލައިގެން ހިނގަމުން އެތައް މަސައްކަތަކުން މުހައްމަދަށް ގޮނޑުދޮށަށް ނުކުމެވުނު އިރު، ނަސީބު ކަން ދިމާކުރި ގޮތުން މުޅި އެސަރަހައްދުގައިވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދުރުގައި ހުރި ފަޅު އޮޑިފަހަރުގައިވެސް މީހެއްލެ ލިސާނެއްވެސް ނެތެވެ. ހޭޅީގެ ގުންޑޮޅިއަށް އާދަނު ބޭލުމަށް ފަހުގައި މުހައްމަދު އަވަސްވެގަތީ ބޮޑުވަޅެއް ކޮންނާށެވެ.  އެއްވެސް އެއްޗެއް ބޭނުންނުކޮށް އެ މަޑު ދޮންވެލި ފަސްގަނޑުގައި ވަޅުކޮންނާކަށް މާގިނައިރެއް ނުނެގިއެވެ. ދެ ފޫޓެއްހައި ފުނަށް ކޮނުނު ވަޅުގަނޑުގެ ތެރެއަށް އާދަނު ވައްޓާލުމަށްފަހު، އެވަޅުގަނޑުގެ ތެރެއަށް މުހައްމަދު ބާލައި އެއްލާލީ އޭނާ ލައިގެން ހުރި ޓީޝާޓެވެ. އެޓީޝާޓުގައި ހުރީ ކޮންމެވެސް ވަރަކަށް ލޭ ހޭކިފައެވެ. ކަންދިމާކުރި ގޮތުން މުހައްމަދުގެ ގަސްދެއް ނެތްނަމަވެސް އޭނާ އެއްލާލި ޓީޝާޓު އެޅުނީ، އާދަނުގެ މޫނުގައެވެ. ދެފަރާތުން ފަސް ލައި އެވަޅުގަނޑު، އަވަސް އަވަހަށް ފޮރުވާލުމަށްފަހު، އަތުގައި އޮތް ކަތިވަޅި ފަސް ގަނޑަށް ޖަހާފައި އޭނާ ގޮސް އެރުނީ މޫދަށެވެ. ގައިން ލެޔާއި ވެލި ފިލުވާށެވެ. މޫދުގެ ތެރޭގައި އޭނާ ފަތައި ފީނަން ފެށިއެވެ. ގޮނޑުދޮށުން މޫދުގެ ތެރޭގައި މުހައްމަދު އުޅުނު އިރު، ބަނޑުހައި ވެފައި އޮތް ބޮޑު މިޔަރެއް އޭނާ އާއި ދާދި ގާތުގައި އުރަފަށުފައި އެނބުރެމުން ދިޔައެވެ. އެހެން ނަމަވެސް އެކަމެއް މުޙައްމަދަކަށް ނޭނގެއެވެ. ********** ފަތްޖެހި އެނދުގައި ރާމިޒާ ގެނެސް ޞިއްޙީމަރުކަޒަށް ވެއްދި އިރު، ސެންޓަރު ރަފީޢު އާއި ކަތީބުބޭ ތިބީ މަރުކަޒު ތެރޭގައި ވާހަކަ ދައްކާށެވެ. އެމަންޒަރު ފެނިފައި އެދެމީހުންނަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އެއީ އެމީހުންނަށް ވާނުވާ ނޭނގޭތީއެވެ. މަރުކަޒުގެ ވޯޑުތެރޭގައި އެނދުމަތީގައި ހަފީޒާ އިށީނދެ އިން އިރު، އޭނާގެ ގާތުގައި އައިމިނަވެސް އިނެވެ. އޭރު ހަފީޒާ އިނީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައެވެ. ވޯޑަށް ނުވައްދައި އެނދާއިއެކު ރާމިޒާ ވެއްދީ ބަލިމީހުން ބަލާ ކޮޓަރިއަށެވެ. ބަލިމީހުން ބަލާ ކޮޓަރީގެ އެނދުމަތީގައި ރާމިޒާ ބާއްވާފައި އެހެން މީހުން ނުކުތުމަށް އެންގީ ރަފީޢުއެވެ. އޭނާގެ ގާތުގައި ބެހެއްޓީ ހަމައެކަނި އިބްރާހީމާއި ފަރީދާއެވެ. "ރާމިޒާއަށް ކިހިނެއްވީ!" ކަތީބު ބޭ ސުވާލުކުރީ އެތަނުގައި ތިބި މީހުންނާއެވެ. އެކަކަށްވެސް ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. އެމީހުންނަށްވެސް ފެނުނީ، އިބްރާހީމް ކޮނޑުމަތީގައި ރާމިޒާ ވަލުން ނެރެގެން ގެނައިތަނެވެ. ބޭރުގައި ދައްކަމުން ދިޔަ ވާހަކަތައް އައިމިނަ އާއި ހަފީޒާއަށް އަޑުއިވެން ފެށުމާއިއެކު، ހަފީޒާވެސް އެނދުން ފުންމާލައިގެން ވޯޑުން ބޭރަށް ނުކުތެވެ. ފަހަތުން އައިމިނަވެސް ނުކުތެވެ. އޭރު މަރުކަޒުތެރެ އޮތީ މީހުންނާއިގެން ފުރިފައެވެ. " ރާމިޒާ ކޮންތާކުން ފެނުނީ!" އައިމިނަ ސުވާލު ކުރީ މަރުކަޒުތެރޭގައި ހުރި އަންހެނަކާއެވެ. "ނޭނގެ! އެއްގޮތަކަށްވެސް، އަހަރެމެންވެސް ނުކުތީ ގޭގައި ތިބެފައި ފަރީދާގެ ހަޅޭކުގެ އަޑަށް. އޭރު އިބްރާހީމް ރާމިޒާ ކޮނޑުމައްޗަށް ލައިގެން އަންނީ. ދެން ޅަހުއްތުބޭ ގޭގައި ހުރި ފަތްޖެހި އެނދެއް ނެރެގެން އޭގެ މައްޗަށް ލައިގެން މިގެނައީ. ހިޔެއް ނުވޭ ފުރާނަ ހުރިހެނެއް." އޭނާ ބުންޏެވެ. " ސުބުޙާނަށްﷲ!" އައިމިނައަށް ބުނެވުނީ އެހެންނެވެ. "އަހަރެން ދުށީމޭ ރާމިޒާ ދައިތަ އަތުން ލޭ އަންނަނިކޮށް." އައިމިނަގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ހުރެ ހަފީޒާ ބުންޏެވެ. އޭނާ އަނެއްކާވެސް ބިރުގެންފިއެވެ. އިރުކޮޅަކުން ބޮލުގައި އަތްކާއްތަމުން ކާއްތަމުން ބަލި މީހުން ބަލާ ކޮޓަރިން ނުކުތީ ފަރީދާއެވެ. އޭނާވެސް ހުރީ މުޅިން މިލާ މޯޅިވެފައެވެ. އެކަމަކު އޭނާގެ ހިތުގައި އުފެދި ހުރި ސުވާލުތަކަށް ޖަވާބެއް ހޯދަން ބޭނުންވިއެވެ. "ރާމިޒާގެ ހާލަކީ ކޮބާ؟" ފަރީދާ އައިސް ގާތަށް ހުއްޓުމުން އައިމިނަ ސުވާލު ކުރީ ފަރީދާއާއެވެ. "ދައިތަ އަތުގައި ފޮތިފަށެއް އެއްސީ އެކޮއެތަ؟" އައިމިނަ ކުރި ސުވާލަށް ޖަވާބެއް ނުދީ، ފަރީދާ ހަފީޒާގެ މޫނުދޮށަށް ގުދުވެފައި ސުވާލުކުރީ އޭނާގެ ހިތުގައި އޮތް ކަންބޮޑުވުމުގެ ސަބަބުންނެވެ. ފަރީދާއަށް ބަލާލާފައި ހަފީޒާ ބޯހޫރާލީއެވެ. (ނުނިމޭ) 8 ވަނަ ބައި 25 އޮކްޓޯބަރ 2024 ވާ ހުކުރު ދުވަހު ގެނެސްދެވޭނެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ