ހަފީޒާ 3ވަނަ ބައި

ހަފީޒާ 3ވަނަ ބައި
ލިޔުން:
4 އޮކްޓޫބަރުގެ އަދަދާއި ގުޅޭ!
ރާމިޒާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި އެއްޗަކުން ޖެހި ހެންނެވެ. އިބްރާހީމް ގޮވާލި އެއްޗެއްވެސް އޭނާއަށް އިވުނީ، ބޫން އަޑެއްގެ ގޮތުގައެވެ. މޫނުމައްޗަށް އަނދިރިވެ ވެއްޓެން ދިޔައިރު ހިފަހައްޓާނެ މީހަކުވެސް ގާތުގައި ނެތެވެ. ރާމިޒާ ވެއްޓުނީ، އިބްރާހީމް ދޫކޮށްލި ކަތިވަޅީގެ މިޔަ މައްޗަށެވެ. އެމަންޒަރު ފެނުނު ހަފީޒާގެ ދެލޯ ބޮޑުވެ އަނގައިން ދިޔައީ ބަސްހުއްޓިގެންނެވެ. އޭރު އިބްރާހީމް ގަސްތަކުތެރެއަށް ގެއްލިއްޖެއެވެ.
"ބޭބޭ" ހަފީޒާ ބާރަށް ހަޅޭ ލަވައިގަތެވެ. އެކަމަކު ފަސް ބަލައި ނުލައި ގަސްތަކުގެ ތެރެއިން ދުއްވައިގަތް އިބްރާހީމަށް އެއަޑު އިވުނު ކަމަކަށް ނުވިއެވެ. އޭނާ ދިޔަ ގޮތަށް ދިޔައީއެވެ.
ހަފީޒާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ގަސްތަކުގެ ފަތްތައް މަތިން ފެތުރެމުން ދިޔަ ލޭތައް އޭނާއަށް ފެނުނެވެ. ހަފިޒާއަކީ އެފަދަ ހާލަތެއް ހަމައަކަށް އަޅުވަން އެނގޭހައި ހޭވެރިކަން ހުރި ކުއްޖެއް ނޫނެވެ. އޭނާ ގަތީ ބިރެވެ. މަޑުމަޑުން ޖެހުނީ ފަހަތަށެވެ. ކުރިމަތީގައި އޮތް ރާމިޒާގެ ހޭހުސްވެފައިވާ ހަށިގަނޑާއި އޭނާގެ ގައިން ނުކުންނަމުން ދިޔަ ލެއަކީ ކޮންތާކުން ނުކުންނަމުން ދިޔަ ލެއެއްކަންވެސް ހަފީޒާއަކަށް އެނގޭވަރެއް ނޫނެވެ.
އަނެއްކާ ހަފީޒާ ދުއްވައިގަތީ އަވަށާއި ދިމާއަށެވެ. އެކަމަކު އޭނާގެ ގައިގައި ހިއްވަރެއް ނެތެވެ. ގަސްތަކުގެ ތެރެއިން ނުކުތުމަށް ކުރި މަސައްކަތުގައި އޭނާ ދެފަހަރަކަށް ވެއްޓެންވެސް ވެއްޓުނެވެ. އެކަމަކުވެސް ހަފީޒާ ހިއްވަރުކޮށްފައި ތެދުވިއެވެ.
ވަލުތެރެއިން އަވަށު މަގަށް ނުކުމެވުނު އިރު ހަފީޒާ ހުރީ މުޅިން ވަރުބަލިވެފައެވެ. ކޮޅަށް ހުންނަހައި ހިއްވަރެއް އޭނާގެ ނެތެވެ. މަގުއަރިމަތީގައި އޮށްފިހިތަކެއް ޓިނުގަނޑެއްގެ މަތީގައި އަވީލައި އުޅުނު ހަލީމާ ދައިތައަށް ހަފީޒާ ފެނުނީ މަގުމައްޗަށް ވެއްޓެނިކޮށެވެ. ހަކަތަ ހުސްވެ ޚަބަރު ހުސްވެ ހަފީޒާ މަގުމައްޗަށް ވެއްޓުނު މަންޒަރު ފެނިގައި ހަލީމާ ދައިތަ އަޑުގެ ކޮޅަށް ހަޅޭލަވައިގެންފިއެވެ.
*******
އިބްރާހީމަށް އައިސް ސިއްޙީމަރުކަޒަށް ވަދެވުނު އިރު ރަށުގެ އެތައްބަޔަކު ތިބީ ޞިއްޚީމަރުކަޒުގެ ދޮރުމަތީގައެވެ. މީހުންތައް ފޭކުރަކުން ތަން ހޯދަމުން އިބްރާހީމަށް ގޮސް ވޯޑަށް ވަދެވުނުއިރު ފެނުނީ އެނދެއްމަތީގައި ލެއިން ތަތްތެޅިފައި އޭނާގެ ދަރިފުޅުއޮއްވައެވެ. އެމަންޒަރު ފެނުމާއިއެކު އޭނާގެ ގައިން ވަރު ދޫވިއެވެ. އެކަމަކު ނުވެއްޓުނީ ކައިރީގައި ހުރި މީހަކު އޭނާ ހިފެހެއްޓީމައެވެ.
"އަހަރެމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް. މިވަރުގެ ޒަޚަމަކަށް އަހަރެމެންނަކަށް ފަރުވާއެއް ނުކުރެވޭނެ.. އަވަސްވީ ގޮތަކުން މާލެއަށް ގެންދަންވީ." ރަށު ސެންޓަރު ރަފީޢު ވާހަކަދެއްކީ އިބްރާހީމާއެވެ.
ރަށްފުށުގައި ޞިއްޙީވަސީލަތްތަކާއި ފަރުވާ ދެވެން ނެތް އެޒަމާނުގައި ކިތަންމެ ކުޑަކަމެއް ދިމާވެގެންވެސް ދާންޖެހެނީ މާލެއަށެވެ. އަދި އަމުދުން މިވަރުގެ ބޮޑުކަމެއްގައި އޮންނާނީ އެނޫން އެހެންކޮންގޮތެއް ހެއްޔެވެ؟
ވެން ހިފާފައި ހުރީ އާލިމްގެ ކުޑަކަޅުވާ މަސްގަނޑުގައެވެ. ދަތް އެޅުމަށްފަހު ވެން އެނބުރިގަތްގޮތުން، ކަކުލުހުޅާއި ހަމައަށް މަސްގަނޑު އޮތީ ވީދައިގެން ގޮސްފައެވެ. މިކަހަލަ އެއްވެސް ވަސީލަތެއް ނެތް ރަށެއްގެ ކުޑަ ސެންޓަރެއްގައި އެފައި ސަލާމަތް ކުރަން ބޮޑު އޮޕަރޭޝަނެއް ކުރުމަކީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.
ރަށު ކަތީބު ސެންޓަރަށް އައިސް ވަނީ އެމަޝްވަރާތައް ހިނގަމުންދަނިކޮށެވެ. އެހެންކަމުން ދެން އޮތް ޒިންމާ އޮތީ ކަތީބަށެވެ.
"ކަތީބުބޭ! މަގޭ ދަރި ވީހާއަވަހަކަށް މާލެ ފޮނުވޭނެ ގޮތެއް ހަދައިދީ!" އިބްރާހީމް ރޮއެގެންފައި ހިފީ ކަތީބުބޭގެ އަތުގައެވެ. ކަތީބުބޭ ދިނީ ޔަޤީންކަމެވެ. އޭނާއަށް ވީހައި އަވަހެއް ކުރާނެ ކަމަށެވެ.
މީހުންގަނޑު ތެރޭގައި ހުރި ރަށު އޮފީހުގެ ޕިޔޯނަށް އަތުގެ އިޝާރާތުން ކަތީބުބޭ އެންގީ ރަށު އޮފީހުގައި އޮތް ވޯކީޓޯކީ ހިފައިގެން އައުމަށެވެ. އެއީ އަތޮޅުތެރެއަށް ޓެލެފޯނު ނުލިބޭ ޒަމާނެވެ. އެހެން ނަމަވެސް ވަޔަލެސް ވޯކީޓޯކީ ތަކުން ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތައް ހުރީ ގުޅިފައެވެ. އަދި އަތޮޅު އޮފީސްތައް އެޓޯލްސް މިނިސްޓްރީއާ ހުރީ ގުޅިފައެވެ. އެހެން ނަމަވެސް ކަމެއްގެ ނިންމުން ނިމޭނީ، މާވެވަށް ވެއްޓުނު ގެރި ނެގުމޭ ބުނެއުޅޭ މިސާލުބަހާއި އެއްގޮތަށެވެ. ގިރާކުރަންޖެހޭ ހަރުފަތްތައް ގިނަކަމުން އަހަންޖެހޭ އާދޭސް ކުރަންޖެހޭ މީހުން ގިނަ ކަމުން، އަތޮޅުތެރެއިން މާލެއަށް ގެންދެވޭ ބަލިމީހާ މާލެ ގެންދެވޭއިރު، ހޮސްޕިޓަލަށް ނުގެންގޮސް ސަހަރާއަށް ގެންދަން ޖެހެނީ މަދު ފަހަރެއްގައެއް ނޫނެވެ.
ރަށު އޮފީހުގެ ޕިޔޯނު ވޯކީޓޯކީ ގެނައުމާއި އެކު، އެތަނުގައި ހުންނަވައިގެން ކަތީބު ގުޅުއްވީ އަތޮޅު އޮފީހަށެވެ. އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް ބަލިކުއްޖާ މާލެއަށް ގެންދެވޭނެ މަގެއް ހަމަޖައްސަވައި ދެއްވުމަށެވެ. އަތޮޅުވެރީން ދެންނެވީ ބަލިކުއްޖާ މަތިންދާ ބޯޓުން މާލެ ގެންދިޔުމަށް އެޓޯލްސް މިނިސްޓްރީގައި ދަންނަވާނެ ކަމަށެވެ. އެކަމަކު ސަރުކާރު ބަންދު ދުވަހަކަށް ވާތީ، އިންތިޒާރު ކުރަންޖެހޭނީ މާދަމާ އޮފީސްތައް ހުޅުވާނެ ވަގުތަކަށެވެ.
ކައްދޫގައި އެއާޕޯޓެއް އޮތެއް ކަމަކު އެއާޕޯޓަށް ފްލައިޓެއް ޖައްސާނީ ހަފްތާއަކު ދެދުވަހުގައެވެ. އެއާމޯލްޑިވްސްގެ ފުލައިޓެއް ދެން ކައްދޫއަށް ޖައްސާނީވެސް އާދިއްތަ ދުވަހުގައެވެ. ހޮނިހިރު ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް އެތައް ވަގުތެއް ހޭދަވާނެއެވެ.
"ދެން ހަމަ މިކުއްޖާ މަރުވާންދެން ބަލަހައްޓައިގެން ތިބެންވީތަ؟" ހަފީޒާގެ މަންމަ އައިމިނަ ކުރިއަށް ޖެހިލާފައި، ކަތީބާއި ގާތަށް ޖެހިލަމުން ބުންޏެވެ.
"އަހަރެންނަށް ކުރެވޭނެ ކަމަކީ ކަމާއި ބެހޭ ފަރާތްތަކުގައި ދެންނެވުން. އެކަންކޮށްފިން." ކަތީބުބޭ އިސްޖަހާލަމުން ބުންޏެވެ.
" ކައްދޫގައި އެބައޮތް ސިފައިންގެ ލޯންޗެއް! އޭގައި މާލެއަށް ގެންގޮސްދޭތޯ ދަންނަވައިދޭންވީއެއްނު." އައިމިނަ ގޮތެއް ދެއްކިއެވެ. ކަތީބަށްވެސް ވިސްނުނީ އެއީ ރަނގަޅުގޮތެއް ކަމަށެވެ.
އައިމިނަ ދެއްކި ވާހަކަ އަޑު އަހައި ކަތީބުވެސް، ސެންޓަރުން ނުކުމެ ކަތީބުވެސް އޭނާގެ ސުޒުކީ ސައިކަލަށް އަރައިގެން އެހެންމީހަކާއި އެކު ދުއްވާލީ ރަށުގެ ދެކުނު ކޮޅަށް ކައްދުއާ ވީދިމާއަށެވެ.
********
ހަލީމާ ދައިތަގެ އަޑަށް ޖެހިގެން ހުރިގޭ ގިފިލީތެރޭގައި އުޅުނު ފަރީދާ ނުކުމެއްޖެއެވެ. ބޮލުން ފެންވެސް ނުހިއްކައި ލިބާސްގަނޑު ދަމަމުން ހެޔޮވަރުކުރަމުން އައި ފަރީދާ ހިފީ ހަލީމަ ދައިތަގެ އަނެއް ފަރާތުން ހަފީޒާގެ އަތުގައެވެ. ދެއަންހެނުންވެގެން ހަފީޒާ ގެނެސް ބޭއްވީ ބަނބުކެޔޮ ގަސްދަށުގައި ހުރި ފައްޖެހި އެނދުގައެވެ.
"މިގޮއްޔެ އަމާ ކޮބައިތަ؟" ފުރަތަމަ ވާހަކަފެށީ ފަރީދާއެވެ.
"ނޭނގެ، ދެންމެ ކުއްޖަކު އައިސް ބުނި ތުނޑީކޮޅަށް މޫދަށް އެރުނު އިބްރާހިމްގެ އާލިމް ފައިގައި ވެނެއް ހިފައިގެން އެބައުޅެޔޭ. އެތާނގައި ކަންނޭގެ އެވީ." ހަލީމަ ދައިތަ ޖަވާބު ދިނެވެ.
"މިގޮއްޔެއަށް ކިހިނެއް މިވީ." ފަރީދާއެހިއެވެ.
"މަށަކަށްވެސް ނޭނގެ ވީގޮތެއް. ވަލުން ނުކުމެގެން އައިތަން ފެނުނީ. ދެން ފެނުނީ މަގުމައްޗަށް ވެއްޓުނުތަން." ހަލީމާ ދައިތަ ބުންޏެވެ.
"ދޮންކަލޯ، ސެންޓަރުދޮށަށް ގޮސް އައިމިނަ މުދައްރިސް ހޯދާފައި ބުނެބަލަ ވަރަށް އަވަހަށް މިގޭ ދޮށަށް އަންނާށޭ." ފަރީދާ ވާހަކަ ދެއްކީ ދޮރުން ބޯދިއްކޮށްލި ހައެއްކަ އަހަރުގެ ކުޑަ ކުއްޖަކާއެވެ. ގުންފައި ޖަހާފައި އެ ސޮރު ދުއްވައިގަތީ ސެންޓަރާއި ދިމާއަށެވެ.
ސެންޓަރުތެރޭގައި އަދިވެސް މީހުންތައް ތިބީ ހޯބޯލަވާށެވެ. ކުރާނެކަމެއް ކުރެވޭނެ ކަމެއް ނެތެވެ. ސެންޓަރަކަށް ހުރި ރަފީޢު އޭނާއަށް ދެވޭނެ ފަރުވާއެއް ވިއްޔާ ދީފިއެވެ. އާލިމްގެ ފައިގެ ފަލަމަސްގަނޑުން ބަނދެ ލޭމަނާކޮށްފިއެވެ. ނިއުޅިފައި އޮތް މަސްގަނޑަށް އިސްފިރޭޓްއަޅައި ސާފުކޮށް ވެލިފިލުވައި ބަންދުކޮށްފިއެވެ. އެވަރުގެ ބޮޑު ޒަޚަމެއް ފަހާނޭ ރޮދި ނެތުމާއި އެކު ހައެއްކަ ދިމާއި ރޮދިޖަހާލައި، ގޯސްފޮތިން ބަނދެލައި، ކަނފުންފޮތިފައިގައި އަޅައި ބަންދުކުރީއެވެ. އެހުރިހާ ކަމެއް ކުރި އިރުވެސް ރަށު ރައްޔިތުން ތިބީ ކުޑަދޮރުންތަކާއި ބޮޑު ދޮރުތައް ކައިރިއަށް ޖަމާވެ ކަން ހިނގާގޮތް ބަލާށެވެ.
އެމީހުންގެ ތެރޭގައި ބަސްހުއްޓިފައި އައިމިނަވެސް ހުއްޓެވެ. އޭނާއަކީ މުދައްރިސެކެވެ. ރަށުގެ ހާލަތާއި ކަންކަމާއި މެދު ވިސްނާ މީހެކެވެ. އެހެންވެ މިހިނގި ހާދިސާއާއި މެދުވެސް އޭނާހުރީ ފުންވިސްނުމެއްގައެވެ.
އައިމިނަ ސިއްސައިގެން ދިޔައީ، ފަރީދާ ފޮނުވި ކުއްޖާ އައިސް އޭނާގެ ގައިގައި ކޮއްޓައިލުމުންނެވެ.
"ކިހިނެއްވީ." ކުޑަކުއްޖާގެ ކަންފަތްދޮށަށް ގުދުވަމުން އައިމިނަ އެހިއެވެ.
އޭނާ ބުނީ ފަރީދާ ބުނި ވާހަކައެވެ. ހަލީމަ ދައިތަ ގޯއްޗަށް އަވަހަށް އަންނާށޭ ބުނި ވާހަކައެވެ.
"ކިހިނެއްވީ؟" އައިމިނަ ބޭނުންވީ އޮޅުން ފިލުވާށެވެ.
"އައިމިނަ މުދައްރިސްގެ ހަފީޒާ އެބައޮތް އެގޭ ގޯތީތެރޭގައި ފައްޖެހި އެނދެއްގައި ބާއްވާފައި. ކޮންމެވެސް ކަމެއް ވެގެން" އެކުއްޖާ އޭނާއަށް އެނގޭ ވަރަށް ބުންޏެވެ.
މީހުންގަނޑުގެ ތެރެއިން އައިމިނަ އަވަހަށް ނުކުތީ ހަލީމާ ދައިތަ ގެއަށްދާށެވެ. އޭރު އޭނާ ހުރީ ފާޑެއްގެ ބިރެއް ގަނެފައެވެ. އާލިމްއަށް ވީގޮތް ފެނިފައި ކަންނޭނގެއެވެ. އޭނާގެ ހިތްވެސް ޝައްކާއި ވަހުމުން ފުރުނީއެވެ.
ތަންކޮޅަކަށް ހިނގާލާފައި މައިމަގަށް ނުކުމެވުމާއި އެކު އައިމިނަވެސް ދުއްވައިގަތީއެވެ. އޭނާ ދުއްވައިގަތްތައް ފެނުމުން އެތަނުގައި ތިބި ސްކޫލު ކުދިންތަކުގެ ތެރެއިން ބައެއް ކުދިންވެސް އައިމިނަގެ ފަހަތުން ދުއްވައިގަތެވެ. އެކުދިންނަށްވެސް ޔަޤީންވީ އަނެއްކާވެސް ކޮންމެވެސް ކަމެއް ހިނގައިފިކަމެވެ.
އައިމިނައަށް އައިސް ހަލީމަ ދައިތަ ގޯއްޗަށް ވަދެވުނު އިރު ހަފީޒާ ހޭއަރައިފިއެވެ. ފަރީދާ އިނީ އެކުއްޖާގައިގައި ލައްކޮށްގެން އޭނާއަށް ފެންދޭށެވެ. އައިމިނަ ފެނުމާއެކު ހަފީޒާ އަޑުން އަޑުނަގައި ރޮއެގަތެވެ. އައިމިނަ ގާތަށް ޖެހިލުމާއިއެކު ހަފީޒާ އޭނާގެ މަންމަގެ ގައިގައި ބާރަށް ބައްދައިގަތެވެ.
"ރާމިޒައްތަ މަރުވެއްޖެ." ރޮއެގަންނަމުން ހަފީޒާ ބުންޏެވެ.
=ނުނިމޭ=
4 ވަނަ ބައި 11 އޮކްޓޯބަރ 2024 ވާ ހުކުރު ދުވަހު ގެނެސްދެވޭނެ
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
