މާލެ: 31°C

ހަފީޒާ 11ވަނަ ބައި

November 5, 2024
2 ފަހަރު ބަލާފައި
ހަފީޒާ 11ވަނަ ބައި
ހަފީޒާ 11ވަނަ ބައި
01 ނޮވެމްބަރުގެ އަދަދާއި ގުޅޭ! ތަންކޮޅެއް ދޮށީ ކުއްޖަކު ކުރިއަށް ޖެހިފައި، ހަފީޒާގެ ފައި ގަނބައިގެންފައި ހުރިތަނުން ނަގައި އޭނާ ދުރަށް ޖައްސައިފިއެވެ. "ހަފީޒާ! މީ.. މީ.. ޤަބުރެއްތަ؟" ބިރު ހުރެ އެއްކުއްޖަކު ސުވާލު ކުރީ ހަފީޒާއާއެވެ. މާދުރުގައިވާ ޢާލަމަކުން އިވޭ އަޑެއް ފަދައި އެއަޑުތައް ބޫންވެ އެކުލަވާފައިވާ އަޑެއްގެ ގޮތުގައ، އާދަނަށް ދިޔައީ އިވެމުންނެވެ. ކަޅު އަނދިރިކަމުގެ ތެރޭގައި ލޮލަށް އެއްޗެއް ނުފެނުނަސް، ފަސްގަނޑުގެ އަޑިއާހަމައަށް އެކުދިންގެ އަޑު ފޯރައެވެ، ގައިމަތީ އޮތް ފަސްގަނޑުގެ ބަރުކަމުން ރަނގަޅަށް ނޭވާލައި އަތްފައި ގުޅުވައި ނުލެވުނު ނަމަވެސް ގުންޑޮޅި ކަނޑައިގެން ދިޔަތަނުން ހާމަވި ފައިތިލައިގެ އިނގިލިތަކަށް ހަރަކާތް ގެނެވުނީ އިޚްތިޔާރަކާއި ނުލައެވެ. "މަންމާ! އެ ފައިގެ އިނގިލިތައް އެބަ ތަޅުވާ!" ގަތް ބިރުން އެއްބައި ކުދިންތައް ހަޅޭލައިގެންފައި އެއްގަމާއި ދިމާއަސް ދުއްވައިގެންފިއެވެ. ހަފީޒާ އާއި ދެންތިބި ކުދިންނަށްވެސް ފަހަތަށް ޖެހެވުނެވެ. އެހެން ނަމަވެސް އެދެކުދިން އެތަނުގައި މަޑުކުރީއެވެ. ************ ރާމިޒާގެ ހަށިގަނޑު އުފުލަމުން ދިޔަ މީހުންނަށް ދުރުން އިވެން ފެށީ ކުދިންތަކެއް ރޮމުން ހަޅޭލަވަމުން އަންނަ އަޑެވެ. ފައްޖެހި އެނދު ހިފައިގެން ތިބި މީހުންނަށް ކަތީބު އެންގީ އެއަޑަށް ނުހުއްޓި ކުރިޔަށް ދިޔުމަށެވެ. އެހެން ނަމަވެސް އެ މީހުންތަކުގެ ތެރެއިން ކަތީބާ އެހެން ދެމީހަކު ނުކުތީ އަޑުއަންނަމުންދާ ދިމާއަށެވެ. ގޯޅިން މައިމަގަށް ނުކުތް ކަތީބަށްވެސް ފެނުނީ، ގޮނޑުދޮށުން އަރައިގެން ގޯޅިތަކުން އައިސް މައި މަގަށް ނުކުތް ކުދިންނެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް ދުވެވުނު ބާރަކަށް ދުވަނީ އެކުއްޖެއްގެ ގެ އާއި ދިމާއަށެވެ. އޭގެ ތެރެއިން ބައެއް ކުދިން އަރައި ހަމަވުމާއި އެކު، އެއްކުއްޖަކު ހިފެހެއްޓީ ކަތީބާއި އެކުގައި ހުރި މޫސާ މަނިކެވެ. "ކިހިނެއް ވެގެން ތި ދުވަނީ! ހަޅޭ ލަވަމުން." ކުއްޖެގެ އަތުގައި ހިފައި މަޑު ކުރުވަމުން ސުވާލު ކުރީ މޫސާ މަނިކެވެ. ކުއްޖާހުއްޓި ހުރެ މާނޭވާ ލަނީއެވެ. ދެލޯ ހުރީ ބޮޑުވެފައެވެ. ދުވެ ދުވެ ވަރުބަލިވެގެން ވެއްޓެނީހެން ހީވެއެވެ. "ކިހިނެއްވީ!" ދެވަނަ ސުވާލު ކުރީ ކަތީބެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެކުއްޖާ އަތިރިފަރާތަށް އަތުން ކުރީ އިޝާރާތެކެވެ. ޖަވާބު ދިނީ ފަހަތުން އައިސް އެތަނަށް ހުއްޓުނު އެހެން ކުއްޖެކެވެ. "ކަތީބުބޭ! ގޮނޑު ދޮށުގައި އެބައޮތް މީހަކު ވަޅުލާފައި." މާނޭވާ ލަމުން އެކުއްޖާވެސް ބުންޏެވެ. "އޭނ! ކީކޭ! މީހަކު ވަޅުލާފައޭ" ކަތީބަށްވެސް ލިބުނީ ހައިރާން ކަމެކެވެ. "އާނ! ކަތީބުބޭ އެމީހާ ފަސްގަނޑު އަޑީގައި އޮވެ އެބަ ފައިތަޅުވާ!" އެކުއްޖާބުންޏެވެ. ކަތީބު ބަލާލީ ރަފީޢުގެ މޫނަށެވެ. ކުދިން މިދައްކާ ވާހަކަޔަކާއި ހެދި ދެމީހުންވެސް ތިބީ ހައިރާންކަމެއް ގައެވެ. "ކޮން ދިމާއަކު ވަޅުލާފައި އޮތީ!" އަނެއްކާވެސް ރަފީޢު ސުވާލު ކުރިއެވެ. "ތުނޑީކޮޅުގައި މޫދަށް އެރޭ ފުންގަނޑާއި ދިމާލުގައި" އެކުއްޖާ ބުންޏެވެ. އެ ދެކުދިން ގާތުގައި ގޭދޮށަށް ދާށޭ ބުނެފައި ކަތީބާއި މޫސާ މަނިކު ހިނގައި ގަތީ، އެކުދިން ދެއްކި ދިމާއަށެވެ. "މިއަދު މިހިނގަނީ ކޮންކަންތައްތަކެއް. ހެނދުނު، ރާމިޒާ ގޯތި އާލިމް ފައިގައި ވެނެއް ދަތް އެޅީ. މެންދުރުވާން އުޅެނިކޮށް ރާމިޒާ މަރުވެފައި އޮއްވައި ފެނުނީ. އަނެއްކާ އަރުވާލާފައި ހުރި މުހައްމަދަށް ވީގޮތެއް ނޭނގި އަތް ބުރިވީ. އަނެއްކާ މިހިނގަނީ ރޫޙާނީ ކަންތައް ގަނޑެއްތަ؟" ކަތީބު ބެއާ އެއްވަރަށް ހަރުކޮށް ހިނގަމުން މޫސާ މަނިކު ބުންޏެވެ. "އެއްވެސް މީހަކު ގެއްލިގެން ރިޕޯޓްކުރިތަ؟" ދެންވެސް ވާހަކަ ދެއްކީ މޫސާ މަނިކެވެ. ކަތީބުބޭ ހުރީ ޚިޔާލަކަށް ގެއްލިފައެވެ. "ނޫނޭ! އެއްވެސް މީހަކު ގެއްލުނު ކަމެއް އަދި ނޭނގޭ! އެކަމަކު އަހަރެންގެ ހިތަށްވެސް މިއަރަނީ މިއަދު މިހިނގަނީ ކޮން ކަންތައްތަކެއް ބާވައޭ! ހެނދުނުން ފެށިގެން ހަމަ ކަމަކަށް ފަހު ކަމެއް އެބަ ހިނގާ! މިހާރު އަޞުރުވަނީ" ކަތީބުވެސް ޖަވާބު ދިނެވެ. ************ ހަފީޒާ ހިއްވަރުކޮށްލާފައި މަޑު މަޑުން ކުރިޔަށް ޖެހިލިއެވެ. އަދި ފަސްގަނޑު ހާވާލިއެވެ. އެއީ އެމީހެއްގެ ބޯކޮޅު އޮންނާނެ ހިސާބުކަމަށް ލަފާކުރެވުނު ހިސާބެވެ. މަޑު ފަސްގަނޑު ހަފީޒާގެ ދެއަތުން ކޮންނަމުން ދިޔައިރު، އަނެއް ދެކުދިން ތިބީ ކައިރީގައި ބަލާށެވެ. ހަފީޒާ ކޮންނަމުން ދިޔަތަނަށް އެއް ފަހަރު، އަދި ހާމަވެފައި އޮތް އެމީހާގެ ފަޔަށް އަނެއް ފަހަރު އެކުދިން ބަލަމުން ދިޔައެވެ. ފަސްގަނޑު ތެރެއިން ހަފީޒާއަށްއަށް ކޮނެވުނު ތަނުން ފެނުނީ ޓީޝާޓެއްގެ ބައެކެވެ. ވެލިގަނޑު ނަގާފައި ޓީޝާޓުގަނޑުގައި ފިހުމުން އެތަނުގައި އޮތީ އެމީހާގެ ބޯކަންވެސް ހަފީޒާއަށް އެނގުނެވެ. އެމީހާގެ ކުކުރުމުގެ އަޑު އިވުނީ ދެނެވެ. ޓީޝާޓު ގަނޑު ދަމައި ނެގުމާއި އެކު ހަފީޒާ އާއި ދެން ތިބި ކުދިންނަށް ފެނުނީ އާދަނުގެ މޫނެވެ. އޭނާ ލޯ ހުޅުވައި ލުމާއިއެކު ހަފީޒާއަށްވެސް ބިރުން ހަޅޭ ލަވައިގެންފައި ދުއްވައިގަނެވުނީއެވެ. އޭރު ކަތީބާއި މޫސާ މަނިކުވެސް އެހިސާބަށް އަތުއްޖެއެވެ. "އެ އޮތީ އެމީހާ!" ކަތީބަށް އެތަން ދެއްކީ ހަފީޒާއެވެ. " ކާކު އެއީ!" ކަތީބުބޭ ސުވާލު ކުރީ ހަފީޒާ އާއެވެ. "އާދަނުބޭ އެއީ!" ހަފީޒާ ދުރަށް ޖެހިލަމުން ބުންޏެވެ. ހަފީޒާ ޓީޝާޓުގަނޑު ފަސްގަނޑުގެ ތެރެއިން ދަމައިގަތުމުން ދެން އެވަޅުގަނޑުތެރެއަށް ފޭބި ފަސްތައް އެޅުނީ އާދަނުގެ މޫނު މައްޗަށެވެ. އަދި ދޫވި ފަސްގަނޑުތެރޭގައި ބޯހަލުވާލުމުން އާދަނުގެ މޫނުމައްޗަށް އިތުރަށް ވެލި އެޅި ފޮރުވުނީއެވެ. މޫސާ މަނިކު ކައިރިވެލާއި އަލުން އެވަޅުގަނޑު ކޮނެލިއެވެ. ރަނގަޅަށް މޫނު ފެނުމުން އެއީ އާދަނުކަން މޫސާ މަނިކަށްވެސް އެނގުނެވެ. އޭރު ރަށުތެރެއިން އައި ބައެއް މީހުންވެސް އެތަނަށް ޖަމާވެއްޖެއެވެ. " އަވަހަށް ކޮނޭ! ނަގާ! ފުރާނަ އެބަހުރިތަ؟" ކަތީބު ދެން ތިބި މީހުންނަށް އިޝާރާތްކޮށް ބުންޏެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަށައިގެން މީހުންތައް ލެފި ފަސްގަނޑު ކޮންނަން ފަށައިފިއެވެ. އެއާ އެކު އެންމެ ކައިރީގައި ހުރި ގެއަކުން ފަތްޖެހި އެނދެއް ގެންނަން ކައިރީގައި ހުރި އެހެން ފިރިހެނަކަށް ކަތީބު އެނގިއެވެ. އެއާއެކު އޭނާ އަވަސްވެ ގަތީ އެކަމަށެވެ. އިސާހިތަކު ފަސްގަނޑު ތެރެއިން އާދަނު ނަގައިފިއެވެ. އެކަމަކު އޭރު އޭނާ އޮތީ ހުއްޓިފައެވެ. ހަރަކާތެއް ނެތެވެ. މޫސާ މަނިކު އަތުން އާދަނު މޫނުން ވެލިތައް ފިލުވިއެވެ. އަދި އޭނާ ނޭވާލާތޯ މަސައްކަތް ކުރިއެވެ. އާދަނުގެ ނޭފަތަށް ހުރީ ވެލިވަދެ ފުރިފައެވެ. އާދަނު ބަންޑުން ބާއްވައި ތަޅުވައި އެގޮތް މިގޮތް ހަދައިގެންވެސް އޭނާގެ ހޭވެރިކަމެއް ނުވުމުން މީހުންނަށް ތިބެން ޖެހުނީ ބަލާށެވެ. "މިއޮތީ މީހެއްގެ އަތެއް." ހަމަ އެދިމާ ގޮނޑު ދޮށުފައި ހުރި ކުއްޖަކު ހަޅޭލަވައި ގަތެވެ. އޭރު ރާޅު ޖަހާފަށުގައި ރާޅާއި ފުރޮޅި ފުރޮޅި އޮތީ މިޔަރު ދަތްއެޅުމުން ބުރިވި މުހައްމަދުގެ އަތުގެ ބައެކެވެ. ކަތީބުވެސް އެދިމާއަށް ކައިރިވެލިއެވެ. އެއަތް ފެނުމުން ކަތީބަށްވެސް އެއީ މުހައްމަދުގެ އަތްކަން އެނގުނެވެ. އަތުގެ އުޅަނބޮއްޓާއި ހަމައިން އެއަތުގެ ތިރި އޮތީ ރަނގަޅަށެވެ. އުތުވިފައިވާ މަސްގަނޑާއި އެތަނުގައި ހުރި މިޔަރުދަތުގެ ފާހަގައިން، މުހައްމަދު ގައިގައި ހިފީ މިޔަރެއްކަން ޝައްކެއް ނެތް މިންވަރަށް ކަތީބަށް ޔަޤީން ވިއެވެ. ގެއަކުން ގެނައި ފަތްޖެހި އެނދަކަށް އާދަނު ލައިގެން، އަދި ރާޅުޖަހާފަށުން ފެނުނު މުހައްމަދުގެ އަތްބުރި ހިފައިގެން މީހުން ތައް އެއްގަމާއި ދިމާއަށް ހިނގައި ގަތެވެ. "ތިޔަ މިސްކިތު ގަބުރުސްތާނު ދޮށަށް ގެންދޭ! ރާމިޒާ ވަޅުލާއިރު ވަޅުލާނީ!" ކަތީބު ވާހަކަ ދެއްކީ އަތްބުރި ލާފައިވާ ގޯނި ހިފައިގެން ހުރި ފިރިހެން މީހާއާއެވެ. މީހުންތަކުގެ އެންމެ ފަހަތުން ހަފީޒާވެސް ހިނގަމުން ދިޔައެވެ. އޭނާ ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ބުނާ ކަހަލައެވެ. މިފަދަ ކޮންމެ ކަންތައް ގަނޑެއް ފެންނަން ޖެހެނީ އޭނާއަށް ހެއްޔެވެ؟ "ކަލޭތީ ވަރަށް ސުންޕާ ކުއްޖެއް!" ހަފީޒާއަށް ބަލާލުވުނީ އޭނާއާއި ދިމާއަށް އެހެންބުނި މީހާގެ މޫނަށެވެ. (ނުނިމޭ) 12 ވަނަ ބައި 15 ނޮވެމްބަރ 2024 ވާ ހުކުރު ދުވަހު ގެނެސްދެވޭނެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ