މާލެ: 31°C
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޒިންމާތައް ނެގުމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ތައްޔާރުވަނީ

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޒިންމާތައް ނެގުމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ތައްޔާރުވަނީ

January 24, 2024
4 ފަހަރު ބަލާފައި
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޒިންމާތައް ނެގުމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ތައްޔާރުވަނީ
ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ބޭސްފަރުވާއަށް އާސަންދަ/އެންސްޕާގެ ކަންކަމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރުގެ އެހީތެރިކަން ދިނުމަށް އެ މިނިސްޓްރީން ނިންމައިފިއެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބެލެނިވެރިންނާއި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޑރ ޢައިޝަތު ޝިހާމް އާއި އަދި މިނިސްޓްރީގެ އިސްފަރާތްތަކާއެކު އިއްޔެ ވަނީ ބައްދަލުވުމެއް ކުރިއަށްގެންގޮސްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކަންކަމުގައި ވަކާލާތު ކުރުމުގެ އިތުރުން މުޖުތަމައުގެ އެކި ކަންކަމުގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ، ދިމްނާ ފަކީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކަންކަމުގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ކުރިއަށް އޮތްތަނުގައި ވަރަށް ގާތުން މަސައްކަތް ކުރައްވާނޭކަމުގެ ޔަގީންކަން ދީފައިވާކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ވަނީ، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ތެރެއިން 18 އަހަރު ފުރިފައި ތިބި ކުދިންގެތެރެއިން ވަޒީފާ ބޭނުންވާ ފަރާތްތަކަށް، ވަޒީފާ ކަށަވަރުކުރުމަށް މަސައްކަތްކުރުން ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް ބުނެފައެވެ. މިގޮތުން ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ދަށުން ކުންފުނިތަކާއި އެހެނިހެން ތަންތަނުން ވަޒީފާއަށް ކުދިން ހޯދުމަށް ޢިއުލާން ކުރާނެކަމަށް ފާހަގަކުރިއެވެ. މީގެ އިތުރުން މެއި މަހުގެ ގެތެރޭގައި ރިވެލި ކާނިވަލުގައި އިންޓާންޝިޕަށް ހުޅުވާލުމާއި އަދި ބައެއް ކުންފުނިތަކުންވެސް އިންޓާންޝިޕްގެ ފުރުސަތަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބެލެނިވެރިންނާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރާއެކު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ބޭސްފަރުވާއަށް އާސަންދަ/އެންސްޕާގެ ކަންކަމުގައި އެ މިނިސްޓްރީގެ އެހީތެރިކަން ކުރިޔަށް އޮތްތާގައި ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ދުރުނޫން މުސްތަގުބަލެއްގައި ޚާއްސައެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ހުރިހާ ކަމެއްވެސް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ޒިންމާދާރުގޮތެއްގައި ކުރާނެކަމާއި ، މީގެ ތެރޭގައި ޚާއްސައެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ބޭސްފަރުވާ ކުރުމަށް ލިބިދޭ އެހީތެރިކަމާއި، ސްކޫލްތަކުންނާއި އެހެނިހެން ތަންތަނުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ދިމާވާ ކަންކަމުގެ ޙައްލު ހޯދުން ހިމެނެއެވެ. އަދި މިފަރާތްތަކުގެ ހުރިހާ ޒިންމާއެއް ނަގަން މިނިސްޓްރީން ތައްޔާރުވަމުން ދާކަމަށްވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޚާއްސަ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ