ހއ. ދިއްދޫގައި ވެމްކޯގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމެވެ.
ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މި ޚިދުމަތް ފެށުމާއެކު ރަށުގެ ތިމާވެށި ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންގެ ސިއްހަތާއި ލޯކަލް ވިޔަފާރިތަކަށް ވެސް ފައިދާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް ވިދާޅުވެފައިވަނީ، ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ކައުންސިލުންވެސް ވެސް ވެމްކޯގެ ޚިދުމަތަށް އެދިއްޖެނަމަ، އެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްދޫގައި ވެމްކޯގެ ޚިދުމަތް ފެށުމާ ގުޅިގެން، ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ކުޑަކުދިންނަށް ވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. މިގޮތުން ސްކޫލް ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތު ރަނގަޅު ގޮތުގައި ދެވިއްޖެނަމަ، ގޭގެއިން ނިކުންނަ ކުނި ރަނގަޅަށް ވަކިކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.







