މާލެ: 31°C
ގުރައިދޫ މަރުކަޒުގައި ތިބި އުމުރުންދުވަސްވީ މީހުން އާއިލާތަކާ ހަވާލުކުރަން ސަރުކާރުން އެހީދޭނަން: މިނިސްޓަރު އައިޝަތު

ގުރައިދޫ މަރުކަޒުގައި ތިބި އުމުރުންދުވަސްވީ މީހުން އާއިލާތަކާ ހަވާލުކުރަން ސަރުކާރުން އެހީދޭނަން: މިނިސްޓަރު އައިޝަތު

January 26, 2024
3 ފަހަރު ބަލާފައި
ގުރައިދޫ މަރުކަޒުގައި ތިބި އުމުރުންދުވަސްވީ މީހުން އާއިލާތަކާ ހަވާލުކުރަން ސަރުކާރުން އެހީދޭނަން: މިނިސްޓަރު އައިޝަތު
ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ދޭންވާ ފުރިހަމަ އެހީތެރިކަން، އާއިލާތަކަށް ދެއްވާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރުންނާއި އާންމުން ސުވާލުކުރުމަށް ކުރިއަސް ގެންދާ "އަހާ"ފޯރަމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ،  ތަފާތު ސަބަބުތަކާހުރެ ދަޢުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އާއިލާގެތެރޭގައި ބެލޭނެ ފުދުންތެރިކަން ނުވަތަ ބޯހިޔާވަހިކަމުގެ ދަތިކަން ހުރިގޮތުން ދައުލަތުން ބަލަހައްޓަމުންދާ މީހުންކަމަށެވެ. މިއީ އާއިލާތަކުންވެސް އެ ހިތްދަތިކަން އުފުލާ ކަމެއްކަމަށް ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ. އެކަމަށް ލުޔެއް ހޯދައިދީ ހިތްހަމަޖެހިގެން ދިރިއުޅޭ މުޖުތަމަޢެއް ބިނާކުރުމާއި، އެމީހުންނާ އާއިލާތަކާއި އޮންނަ ގުޅުން އިތުރުކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މަރުކަޒަށް ޒިޔާރަތްކޮށް އެމީހުންނާ ބައްދަލުކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން، އެފަދަ މީހުން އަނބުރާ އާއިލާއާއި ހަވާލުކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެމީހުންނާ އާއިލާއިން ހަވާލުވާއިރު ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރެއިން ބައެއް މީހުން އާއިލާއާ ހަވާލުކުރުމަށް މިހާރުވެސް ތައްޔާރުވެފައިވާކަމަށް ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވިއެވެ.
"މަރުކަޒުން އާއިލާތަކާއި ގުޅިގެން ކުރެވުނު މަސައްކަތުން ގިނަ ބަޔަކު ވަނީ އަނބުރާ އެމީހުން އާއިލާއަށް ގެންދިއުމަށް ބޭނުންވެފައި. ގެންދަންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އާއިލާތަކަށް މިދަނީ އެހީތެރިކަން ދެމުން. ބޭނުންވަނީ މަރުކަޒަކީ ވަގުތީ ތަނެއްގެ ގޮތުގައި ބޭނުންކޮށް، އެމީހުންނަށް އާއިލާއާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުން." ވަޒީރު ވިދާޅުވިއެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި 16 ފަރާތެއް އާއިލާއާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެ މަރުކަޒުގައި މިހާރުވެސް 218 މީހަކު މިހާރު އެބަތިއްބެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ