މާލެ: 31°C

ގުރައިދޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުން ޖޫރިމަނާކޮށްފި

ގުރައިދޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުން ޖޫރިމަނާކޮށްފި
July 4, 2023
2 ފަހަރު ބަލާފައި
ގުރައިދޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުން ޖޫރިމަނާކޮށްފި
ކ. ގުރައިދޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ،  މިދިޔަ އޭޕްރީލް 15، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުން ޖޫރިމަނާ ކުރަން ނިންމީ، ކެންޑިޑޭޓުން ހުށަހެޅި މާލީ ބަޔާންތައް ގަވާއިދާ ހިލާފުވެފައިވާތީ ކަމަށެވެ.
އެގޮތުން ތިން ކެންޑިޑޭޓުން ވެސް، އަދި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓު ވެސް ޖޫރިމަނާކޮށްފައި ވަނީ 6،000 ރުފިޔާއިން ކަމަށާއި އެ ފައިސާ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ވަނީ ކެނޑިޑޭޓުންނަށް އަންގާފައި ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ. ކެނޑިޑޭޓުންގެ މާލީ ބަޔާނުގައި ހުށަހަޅަން ޖެހޭ ކަންތަށް ތަކުގެ ތެރޭގައި، އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއި، އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލާއި، ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލާއި، ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް ގެ އިތުރުން، ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ ހިމެނެ އެވެ. އީސީން ވަނީ، މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިިހަމަ ނުވާނަމަ، ކުރިޔަށް ހުރި އިންތިހާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް މިފަދައިން އަމަލުކުރާ ގޮތަށްވެސް ނިންމާފައެވެ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ބައި އިލެކްޝަންގައި ތިން ކެނޑިޑޭޓަކު ވާދަކޮށްފައިވާއިރު، އެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޝާޒް އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ